ޗެލްސީއަށް ކުޅެމުން އައި ފޯވާޑް ނޯނީ މަޑުއެކޭ 70 މިލިޔަން އެމެރިކާ ޑޮލަރުގެ ފީއަކަށް ލަންޑަނުގެ ވާދަވެރި ކުލަބު އާސެނަލްއިން ގަނެފިއެވެ.
އިނގިރޭސިވިލާތަށް އުފަން 23 އަހަރުގެ މަޑުއެކޭ އާސެނަލް އާއި ގުޅިފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އެމެރިކާގައި ނިމިގެންދިޔަ ފީފާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރި ޗެލްސީގެ ސްކޮޑުގައި ހިމެނި އެ މުބާރާތުގައި ޗެލްސީ އަށް ކުޅެފައިވާ މަޑުއޭކޭ ވަނީ އާސެނަލް އާއި ގުޅުމަށްޓަކައި ކްލަބް ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ކުރިން ޗެލްސީގެ ކޭމްޕް ދޫކޮށް ލަންޑަނަށް އައިސްފަ އެވެ.
2023 ވަނަ އަހަރު ނެދަލޭންޑްސްގެ ޕީއެސްވީ އެއިންދޯވެން އިން 40 މިލިއަން ޑޮލަރުގެ ފީއަކަށް ޗެލްސީ އާއި ގުޅުނު މަޑުއެކޭ ވަނީ ޗެލްސީއަށް ކުޅުނު 92 މެޗުގައި 20 ގޯލު ޖަހާފަ އެވެ. އަދި ޔޫއެފާ ކޮންފަރެންސް ލީގު ޗެލްސީ އިން ހޯދިއިރު މަޑުއެކޭ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
މަޑުއެކޭ އާސެނަލް އަށް ސޮއިކޮށްފައިވާއިރު އާސެނަލްގެ ސަޕޯޓަރުން މަޑުއެކޭ އެ ކްލަބަށް ގެނައުމާއި ދެކޮޅަށް ކެމްޕޭނެއް ވަނީ ފަށާފަ އެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އާސެނަލް އިން ވަނީ ޗެލްސީގެ ހަ ކުޅުންތެރިއަކު ގެންގޮސްފަ އެވެ. އަދި މި ސީޒަނުގައި އެންމެ ފަހުން ގެންގޮސްފައިވަނީ ގޯލުކީޕަރު ކެޕާ އެވެ.
އާސެނަލްގެ ބައެއް ސަޕޯޓަރުން ބުނެފައިވާ ގޮތުގައި މަޑުއެކޭ ގެނައުމީ އެ ކްލަބުން ކުރާ ބޭކާރު ޚަރަދެކެވެ. އަދި އާސެނަލްގައި މިހާރުވެސް އޭނާ ކުޅޭ މަގާމަށް ކުޅޭ ރަގަޅު ކުޅުންތެރިންތަކެއް އެބަތިއްބެވެ. އެހެންކަމުން އެ މަގާމަށް އިތުރު ކުޅުންތެރިން ހޯދާނަމަ ގެންނަންވާނީ އަގުހެޔޮ ކުޅުންތެރިންނެވެ.
މަޑުއެކޭ ހޯދުމަށް އާސެނަލް އިން މަސައްކަތް ކުރަމުންދާއިރު މީގެ ކުރިން އެ ކްލަބުން ވަނީ ރެއާލް މެޑްރިޑްގެ ރޮޑްރިގޯ ހޯދުމަށްވެސް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ކަމުގައި އެ ކްލަބަށް ކުރި ލިބޭ ގޮތްވަނީ ނުވެފަ އެވެ.