ޚަބަރު

ރ. އަތޮޅުގައި ފެށި "އަހަންނަކީ ނޫސްވެރިއެއް" ޕްރޮގުރާމް ނިންމާލައިފި


  • ތެދު ދޮގު މަޢުލޫމާތު ވަކިކުރަން ޕްރޮގުރާމްގެ ތެރެއިން ދަސްކޮށްދޭ

  • ރައްޔިތުން ހޭލުންތެރިވާންޖެހޭ މުހިންމު މަޢުޟޫތަކަށް އަލިއަޅުވާލެވޭ

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިސްނަގައިގެން ރައްޔިތުން ހޭލުންތެރިކުރުމަށް ރ. އަތޮޅުގައި ފެށި "އަހަންނަކީ ނޫސްވެރިއެއް" ޕްރޮގުރާމް ނިންމާލައިފިއެވެ. މިއީ އަތޮޅުތަކުގައި މިގޮތަށް ކުރިއަށްގެންދިޔަ 3 ވަނަ ޕްރޮގުރާމެވެ.

"އަހަންނަކީ ނޫސްވެރިއެއް" ޕްރޮގުރާމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަލީ ޝަމްޢާން ވިދަޅުވީ މި ޕްރޮގުރާމްގެ ތެރެއިން ނޫސްވެރިކަމާ ގުޅިންހުރި މަޢުލޫމާތު ފޯރުކޮށްދީ، ތެދާއި ދޮގު ޚަބަރު ވަކިކުރަން ދަސްކޮށްދީފައިވާ ކަމަށެވެ. އަދި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިދޭއިރު، މަޢުލޫމާތުގެ ތެދު ދޮގު ވަކިކުރުމަކީ މުހިންމު ކަމެއް ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ރަނގަޅު ނޫސްވެރިކަމެއް ކުރެވިއްޖެނަމަ އެއިން ކުރާ ފައިދާތަކުގެ އިތުރުންވެސް އެހެނިހެން ދާއިރާތަކުން މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދީފައިވާކަމަށްވެސް ޝަމްޢާން ވިދާޅުވިއެވެ.

"މުޅި މުޖުތަމަޢު ޝާމިލުވާ ގޮތަށް ވަށާ ޖެހޭ ގޮތަކަށް ޕްރޮގުރާމް ކުރިއަށްދާނީ. ތަފާތު މަޢުޟޫތަކަށް ސެޝަންތައް ނަގައިދޭއިރު، ތަފާތު ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ." ޝަމްޢާން ވިދާޅުވިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ވިދާޅުވީ "އަހަންނަކީ ނޫސްވެރިއެއް" ޕްރޮގުރާމަކީ ނޫސްވެރިންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުންނަށް ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްތަކަށް ރިޢާޔަތްކޮށްގެން މީޑިއާއާ ބެހޭ ތަމްރީން ދިނުމަށްޓަކައި ހިންގާ ޕްރޮގުރާމެއް ކަމަށެވެ. އަދި މި ޕްރޮގުރާމްގެ މަޤުޞަދަކީ އެކިގޮތްގޮތުން ފެތުރޭ ދޮގު ޚަބަރާއި މަޢުލޫމާތުތަކަށް ހޭލުންތެރިކުރުވުމާއި މީޑިއާއަށް ވިލުންތެރި މަސައްކަތްތެރިން އުފެއްދުންކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގުރާމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނީ މި ޕްރޮގުރާމްގެ ތެރެއިން ކުރިން ނޭނގޭ މުހިންމު މަޢުލޫމާތުތަކެއް އެނގުނު ކަމަށެވެ. އެ ގޮތުން ދިވެހިބަހުގެ ހަމަތަކާއި ފޮތާއި ފިލްމު ގިންތިކުރުމާއި ޓެރަރިޒަމް ހުއްޓުވުމާ ގުޅޭ އެކި ދާއިރާތަކުގެ މަޢުލޫމާތުތަކެއް ލިބުނު ކަމަށެވެ.

ތަމްރީންތައް ނިންމާލުމަށްފަހު ބައިވެރިންނަށް ވަނީ ސެޓްފިކެޓެއް ދީފައެވެ.

ރ. އަތޮޅުގައި ފެށި ތަމްރީން ޕްރޮގުރާމް ކުރިއަށްދިޔައީ 3 ދުވަހުގެ މުއްދަތަކަށެވެ. މި ޕްރޮގުރާމްގައި ރ. އަތޮޅުގެ 13 ރަށަކާއި ނ. އަތޮޅު ހޮޅުދޫއިން ޖުމުލަ 33 މީހުން ބައިވެރިވިއެވެ. ބައިވެރިންގެ ތެރޭގައި ކައުންސިލް އިދާރާއާއި ސަރުކާރު އެކި އިދާރާތަކުގެ މުވައްޒަފުންނާއި މި ސަރަހައްދުގައި ހިންގާ އޮންލައިން ނޫސްތަކުން ބައިވެރިވިއެވެ.