ސިޔާސީ

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން އުފައްދަވައިފި


ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއް ޤައްޔޫމް، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން އުފައްދަވައި އެ ކޮމިޝަނައް އައްޔަން ކުރެއްވުމަށް 5 ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަވައިފިއެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، މިއަދު އަމަލު ކުރަން ފެށުނު "ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން" ގެ ޤާނޫނުގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އެކުލަވާލާފައިވާ ކޮމިޝަނެކެވެ.ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނަށް މިއަދު އަމަލު ކުރަން ފެށުމާއިއެކު، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން، ރައީސުލްޖުމްހޫރިއްޔާވަނީ އުވާލައްވާފައެވެ.އެންއައިސީއަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތަކަކީ ޔޫސުފް މާނިއު މުހައްމަދު، މުހައްމަދު ފަރުހާދު، ހަސަން ހަމީދު، ހަދީޖާ އަބްދުﷲ އަދި މަރިޔަމް ޒީނިއާ އެވެ.މި ކޮމިޝަނަކީ، ދިވެހިރާއްޖޭގައި ހިންގަމުންދާ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، އެއިދާރާތަކާގުޅޭ މައްސަލަތައް ބަލާނެއެންމެހައި އުސޫލުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމާބެހޭ ކަންކަން ތަންޒީމުކުރުމަށްޓަކައި އުފައްދަވާފައިވާ ކޮމިޝަނެކެވެ.މި ކޮމިޝަނުގެ މަސައްކަތްތަކުގެ ތެރޭގައި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެއިދާރާތަކުގެ މުވައްޒަފުން ކުރާ ޤާނޫނާއި ޤަވާޢިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙްޤީޤުކުރުމާއި، މިއިދާރާތަކުގެ މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ބޭނުންވާނެ ޤާނޫނީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި މިއިދާރާތަކުގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ސިޔާސަތުތައް އެކަށައެޅުމާއި ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޤާނޫނު ނެގެހެއްޓުން އިތުރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުންވެސް ހިމެނެއެވެ.