ކޯވިޑް-19

އިންސްޕެކްޝަންގެ 5ވަނަ ބުރުގައި މިހާތަނަށް 70އަށްވުރެ ގިނަ ސަރުކާރު އޮފީސް ބަލާ ފާސްކޮށްފައިވޭ - އެޗް.އީ.އޯ.ސީ


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ކުރިއަށްގެންދާ މާސް އިންސްޕެކްޝަންގެ 5ވަނަ ބުރުގައި މިހާތަނަށް ސަރުކާރުގެ 70 އަށްވުރެ ގިނަ އޮފީސް ބަލާ ފާސްކޮށްފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗް.އީ.އޯ.ސީ)އިން ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، މާސް އިންސްޕެކްޝަންގެ 5 ވަނަ ބުރުގައި މިހާރު ބަލަމުންދަނީ ސަރުކާރު އޮފީސްތަކާއި، އަމިއްލަ އޮފީސްތަކާއި، ސްކޫލްތަކާއި، ކޮލެޖްތަކާއި، ޔުނިވަރސިޓީތަކާއި، އާއްމު ދަތުރުފަތުރުގެ ޙިދުމަތްދޭ ފެރީތަކާއި ބަސްތައްކަމަށެވެ.

އެގޮތުން މި އިންސްޕެކްޝަންގައި މިހާތަނަށް ސަރުކާރުގެ 70 އޮފީހަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ ތެރެއިން 24 ތަނެއް ބަލާފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި 10 ބޭންކަކާއި، މީޑިއާގެ ޚިދުމަތްދޭ 5 ތަނެއް ބަލާފައިވާކަމަށާއި، ބަސް ސްޓޭންޑްތަކާއި، ބަސްތަކާއި، ފެރީ ޓަރމިނަލްތަކާއި، ފެރީތައް ބަލާފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުން ޓެކްސީގެ ޚިދުމަތްދޭ ކާރާއި ވޭން އަދި ޕަބްލިކް ހަޔަރގެގޮތުގައި ޙިދުމަތްދޭ ފަރާތްތަކުގެ ތެރެއިން 135 އުޅަނދަކާއި، 16 ބޯޓެއްވެސް ބަލައި ފާސްކޮށްފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މާސް އިންސްޕެކްޝަންގައި ފާހަގަކުރެވުނު މައިގަނޑު ކަންތައްތަތަކުގެ ތެރޭގައި، އޮފީސް މާޙައުލުގައި ރައްކާތެރިކަމުގެ މެސެޖުތައް އާންމުކޮށް ފެންނާނެހެން ހަރުކޮށްފައިނެތުމާއި، ރާއްކާތެރިކަމުގެ ފިޔަވަޅުތަކާ އެއްގޮތަށް އެކަށީގެންވާގޮތެއްގައި އަދިވެސް މުވައްޒަފުންނަށް ޢަމަލު ނުކުރެވޭކަން ފާހަގަކުރެވިފައިވާކަމަށެވެ.

"ބައެއް އޮފީސްތަކުގައި ކޯވިޑް-19އާއި ގުޅިގެން ނަގަންޖެހޭ ބައެއް ފިޔަވަޅުތައް މިސާލަކަށް ގައިދުރުކަން ބެހެއްޓުން، އަތް ސާފުކުރުމާއި، މާސްކް އެޅުމާއި މިކަންކަމާބެހޭގޮތުން އާންމުކޮށް ފެންނަގޮތަށް މަޢުލޫމާތު ނުހުރުމާއި، ބައެއް އޮފީސްތަކުގައި ޑިސްޓެންސް ނަގައިގެން މަސައްކަތްކުރެވޭގޮތަށް އިންތިޒާމްތައް ހަމަޖެހިފައި ހުއްޓަސްވެސް މުވައްޒަފުން އެގޮތަށް ޢަމަލުކުރަމުން ނުުގެންދާކަން ވަނީ ފާހަގަކުރެވިފައި. އެފަދަ ތަންތަނުގައި އެކަންކަން ރަނގަޅުކުރުމަށް ވާނީ އިރުޝާދުދީފައި" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މި އިންސްޕެކްޝަންގެ ތެރެއިން ހޯމް ކަރަންޓީނުގައި ތިބޭ މީހުން ގޭގައި ތިބޭތޯ ކަށަވަރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. އެގޮތުން މިހާތަނަށް ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ރެންޑަމްކޮށް 156 ފަރާތެއް ނަގާ، އެމީހުން ތިބީ ގޭގައިތޯ ޔަޤީންކޮށްފައިވާކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

އާންމު ޙިދުމަތްދޭ ތަންތަނުގައި ކޯވިޑް-19އާއި ގުޅިގެން އެޗް.ޕީ،އޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޚިދުމަތްދޭތޯ ބެލުމަށް ސިލްސިލާގޮތެއްގައި ކުރިއަށްގެންދާ މާސް އިންސްޕެކްޝަންގެ 5 ވަނަ ބުރު ފަށާފައިވަނީ މިދިޔަމަހުގެ 22ވަނަ ދުވަހުއެވެ.