ޚަބަރު

ރާއްޖެ އާއި ސިނގަޕޫރާއި ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް މަޝްވަރާކޮށްފި


ފަތުރުވެރިކަމުގެ ދާއިރާއިން ސިންގަޕޫރާއި ރާއްޖެއާއި ދެމެދު އިތުރު މަސައްކަތްތަކެއް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފިއެވެ.

ރާއްޖެއިން ދާދިފަހުން ސިންގަޕޫރަށް ކަނޑައެޅުއްވި ސަފީރު އިބްރާހީމް ޝަހީބު ވަނީ ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މިޒިޔާރަތުގައި ސިންގަޕޫރާއި ރާއްޖެ އާއި ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ. އަދި ހައިކޮމިޝަނާއި މިނިސްޓްރީ އާއި ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް އެއްބާރުލުން ދިނުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ވަނީ ސިންގަޕޫރަށް ރާއްޖެއިން ކުރިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ ހައިސިއްޔަތުން ތަޖުރިބާވެސް ހިއްސާ ކުރައްވާފައެވެ.

ސިނގަޕޫރަށް ރާއްޖެއިން އައު ސަފީރެއް ކަނޑައެޅި އިރު، އެމަޤާމުގައި މިއަހަރުގެ އޮގަސްޓު މަހާއި ހަމައަށް ހުންނެވީ، މިހާރުގެ ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމެވެ. އެގޮތުން ޑރ. މައުސޫމު ސިނގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެއްގެ ގޮތުގައި މިދިޔަ އަހަރު ފެބްރުއަރީ މަހުން ފެށިގެން މިއަހަރު އޮގަސްޓު މަހު ޓުއަރިޒަމް މިނިސްޓަރު ކަމާއި ހަވާލުވުމާއި ހަމައަށް މަސައްކަތް ކުރައްވާފައިވެއެވެ.

މިހާރުގެ ސަފީރު އިބްރާހިމް ޝަހީބު އެމަޤާމަށް އައްޔަން ކުރައްވާފައިވަނީ މިމަހުގެ މެދުތެރޭގައެވެ.