ކުޅުންތެރިންނަށްވުރެ އެނދުތައް ކުޑަ ކަމަށާއި އޭޝިއަން ގޭމްސް ޖަޕާނުގެ އިންތިޒާމްތައް ވަރަށް ގޯސް ކަމަށް ދެކުނު ކޮރެޔާއިން ބުނެފި އެވެ.
އަންނަ ހޮނިހިރު ދުވަހު ފަށާ ގޭމްސްގައި ޖަޕާނުން ނިންމާފައިވަނީ ކުޅުންތެރިންގެ އެކޮމޮޑޭޝަން ހަމަޖައްސާނީ ކޮންޓޭނަރު ގޮތަށް ހަދާފައިވާ ކޮޓަރިތަކާއި ކްރޫޒް ޝިޕްތަކުގައި ކަމަށެވެ. މީގެ ތެރެއިން ކޮންޓޭނަރު ގޮތަށް ތައްޔާރު ކޮށްފައިވާ ކޮޓަރިތަކުގެ އެނދުތައް ކުޑަކަމުން ކުޅުންތެރިން ރޫ ދަމާނުލެވޭ ކަމަށް ކޮރެޔާއިން ބުނެ އެވެ.
ކޮރެޔާގެ ބާސްކެޓް ބޯޅައިގެ ނައިބް ރައީސް ޖުންގ ޖައެ ޔޮންގް ވިދާޅުވީ "މިއީ އެންމެ އިންތިޒާމްތައް ގޯސް ގޭމްސް،" ކަމަށެވެ.
"ދެ މީޓަރަށްވުރެ ދިގު އެތްލީޓުންނަށް އެނދުގައި ރޫ ދަމާ ނުލެވޭ. މުޅި ހަށިގަނޑު ދަމާލީމާ ފައި އޮންނަނީ އެނދުން ބޭރުގައި. މިއީ އެއްވެސް ގޮތެއް ނޫން،" ޖައެ ޔޮންގް ވިދާޅުވި އެވެ.
ކޮންޓޭނަރު ކޮޓަރިއެއްގައި ހުރި ކޮރެޔާގެ ބާސްކެޓް ކުޅުންތެރިއަކު ވަނީ އޭނާގެ ކޮޓަރީގެ މޫނު ދޮންނަ ތަށީގެ ހޮޅި ފަޅައިގެންގޮސް ފެންލީކުވާ މަންޒަރާއި މުށިތަކުގެ މަތީގައި ފެންއެޅިފައި ހުރި ވީޑިއޯ އެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލާފަ އެވެ. އޭނާ ބުނީ "އަހަރުމެންނަށް އެހީތެރިވެދީ،" ކަމަށެވެ.
ދެ ހަފުތާ އަށް ދެމިގެންދާ ގޭމްސްގައި ކޮންޓޭނަރު ކޮޓަރިތަކުގައި ގާތްގަނޑަކަށް 2000 އެތްލީޓުން ތިބޭނެ ކަމަށް ބެލެވެ އެވެ. މި ގޭމްސްގެ އިންތިޒާމްތަކާ މެދު އިންޑިޔާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ޖަޕާނުގެ މާހަލާއި އެކޮމޮޑޭޝަން ހާލަތަށް އެތްލީޓުން ހާނުވަން އިންޑިޔާއިން ވަނީ މިފަދަ ކޮންޓޭނަރު ކޮޓަރިތަކެއް ތައްޔާރުކޮށް އެތަންތަނުގައި ކުޅުންތެރިން ބައިތިއްބަން ފަށާފަ އެވެ.
ޖަޕާނުގެ ނަގޯޔާގައި ބާއްވާ ގޭމްސް ފަށަން ކުޑަތަންވެފައިވާއިރު ނަގޯޔާގެ މޫސުން ގޯސްވުމުގެ ސަބަބުން މިދިޔަ ހަފުތާގައި ވަނީ އެތައް ސަތޭކަ އެތްލީޓުން އެހެން ތަންތަނަށް ބަދަލުކޮށްފަ އެވެ. އަދި މުބާރާތުގައި ވާދަކުރާ ކްރިކެޓް ކުޅޭ ގައުމުތަކުން ވަނީ އެކޮމޮޑޭޝަންގެ މައްސަލަ ވަރަށް ބޮޑަށް ޖައްސައިފަ އެވެ. މިކަމާ ގުޅިގެން ޖަޕާނުގެ ކްރިކެޓް އެސޯސިއޭޝަނުން ވަނީ ބޭނުންތަކެއްގައި ކްރިކެޓް ކުޅުންތެރިންނަށް އަމިއްލަ ހަރަދުގައި ތިބެވިދާނެ ކަމަށް ބުނެފަ އެވެ. އިންތިޒާމްތައް ގޯސްކަމަށް ބަލައި އިންޑިޔާއިން އެ ގައުމުގެ ރަސްމީ ކްރިކެޓް ޓީމު ގޭމްސް ފޮނުވުމާމެދު ގޮތެއް ނުނިންމަ އެވެ.