ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ނަމުގައި ވީއެންމެ އަވަހަކަށް ބޭންކް އެކައުންޓް ހުޅުވައި ނިންމުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާއިން އަންގައިފިއެވެ.
ބިދޭސީންނަށް ދޭންޖެހޭ މުސާރާ މަރުކަޒީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރަންޖެހޭ ގޮތަށް ގަވާއިދު އިސްލާހު ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގައެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަދީފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ އަމިއްލަ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. އެހެންކަމުން، ހުރިހާ ވަޒީފާދޭ ފަރާތްތަކުންވެސް އެ ފަރާތްތަކުގެ ދަށުން މަސައްކަތްކުރާ ބިދޭސީންގެ ބޭންކް އެކައުންޓްތައް އަވަހަށް ހުޅުވުމަށް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން ލޭބަރ ރިލޭޝަންސް އޮތޯރިޓީން ތަހުގީގުކުރާ ބިދޭސީ މުވައްޒަފުންގެ މުސާރައާ ގުޅޭ މައްސަލަތަކުގައި މުވައްޒަފަށް މުސާރަ ދީފައިވާކަމަށް ބެލެވޭނީވެސް އެމްއެމްއޭ ގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ހުއްދަދީފައިވާ ބޭންކެއްގައި ހުޅުވާފައިވާ އެ މުވައްޒަފުގެ އަމިއްލަ އެކައުންޓަށް މުސާރަ ޖަމާކޮށްފައިވާނަމަ ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
ބިދޭސީން މުސާރަ ޖަމާކުރަން ޖެހޭނީ ބޭންކު އެކައުންޓަށް ކަމަށް ކަނޑައަޅައި މީގެ ކުރިންވެސް ޤާނޫނު އިސްލާޙްކުރިއެވެ. މީގެކުރިން ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ބިދޭސީންގެ މުސާރައާއި އިނާޔަތްތައް އެމީހުންގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާ އެކައުންޓަކަށް ޖަމާނުކުރާ ނަމަ ވަޒީފާ ދޭ ފަރާތްތައް ޖޫރިމަނާ ކުރެވެއެވެ.
ނަމަވެސް ޖޫރިމަނާ ފައިސާ ނެގުން ވަކި ހިސާބަކުން މަޑުޖައްސާލިއެވެ. އޭގެ އެއް ސަބަބަކީ ސައްހަ ލިޔުން ނެތް ބިދޭސީން ގިނަވުމުން ބޭންކު އެކައުންޓު ނުހުޅުވުމެވެ. ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާކުރުން ގާނޫނުން އޭރު ލާޒިމްކުރީ ބިދޭސީން އަތުން ރެމިޓެންސް ޓެކްސް ނެގުމަށެވެ. ރެމިޓެންސް ޓެކްސް އަކީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ދައުލަތަށް ނަގާ ޓެކްސްއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދައި އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ބައެއް މީހުންނަށް ޑޮލަރުން އަދި އަނެއްބައި މީހުންނަށް ދިވެހި ރުފިޔާއިން މުސާރަ ލިބޭއިރު، ލިބޭ ޑޮލަރު ކަޅު ބާޒާރުގައި ވިއްކުމާއި، ރުފިޔާއިން މުސާރަ ލިބޭ މީހުން ބޮޑު އަގުގައި ޑޮލަރު ގަންނަ މައްސަލަތައް އަބަދުވެސް ފާހަގަކުރެވެއެވެ.