ޚަބަރު

ރާއްޖެއާއި މެލޭޝިއާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރަނީ


  • މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ

  • ވިސާގެ ޚިދުމަތް ފުޅާކުރުމާއި ސްކޮލަރޝިޕް ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި

  • ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި

ރާއްޖެއާއި މެލޭޝިއާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގިނަ މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގެންނެވުމަކީ ދެ ޤައުމުގެ ޒަމާންވީ ގާތްގުޅުމާއި އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޙްތިރާމް ދައްކުވައިދޭ ކަމެއް ކަމަށެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި މިހާރު ގުޅިގެން މަސައްކަތް ކުރާ ދާއިރާތައް އިތުރަށް ހަރުދަނާކުރުމާއެކު އިތުރަށް ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ސޮއިކުރެއްވި އެއްބަސްވުންތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މީގެ ސަބަބުން އައު ފުރުސަތުތައް ފަހިވެ، ދެ ޤައުމުގެ ދޭދޭގުޅުން އިތުރަށް ކުރިއަރައިގެންދާނެ ކަމަށެވެ. އަދި މެލޭޝިއާއަކީ ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި ޒަމާންވީ ބައިވެރިއެއް ކަމަށާއިި މަތީތަޢުލީމުގެ ދާއިރާއިން އެ ޤައުމުގެ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރަސްމީ މަޝްވަރާތަކުގައި ވިސާގެ ޚިދުމަތް ފުޅާކުރުމާއި ސްކޮލަރޝިޕް ފުރުސަތުތައް އިތުރުކުރުމާއި ގުޅިގެން ދިރާސާތައް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިހާރު މެލޭޝިއާގައި ދިރިއުޅޭ ދިިވެހިންނާއި ބޭސްފަރުވާއަށް އެ ޤައުމަށްދާ ދިވެހިންނަށް ދިމާވާ ގޮންޖެހުންތަކަށް ލުއި ހޯދައިދިނުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިންވެސް މުހިންމު މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ. އެގޮތުން، ދެ ޤައުމުގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގައި ހަލާލް ފަތުރުވެރިކަމާއި، ސަގާފީގޮތުންނާާއި ދީނީ ފަތުރުވެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އިޤްތިޞާދީ ގޮތުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ދެ ޤައުމުގެ ދެމެދުގައި ޓްރޭޑް އެގްރީމަންޓެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މެލޭޝިއާ ސަރުކާރާއި އެ ޤައުމުގެ ވިޔަފާރިވެރިންނަށް ދައުވަތު ދެއްވާފައިވާ ކަމަށާއި ޚާއްސަކޮށް އިއާދަކުރަނިވި ހަކަތައާއި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އާއި އިމާރާތްކުރުމާއި އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއާއި މެލޭޝިއާއިން އަބަދުވެސް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުތައް ރައްކާތެރިކޮށް، އެ ޤައުމުގެ މިނިވަންކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.