ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ "ހެލްތު ސްކްރީނިންގ" ޕްރޮގްރާމެއް މިއަދު ދަމަނަވެށީގައި ކުރިއަށްގެންގޮސްފިއެވެ. މިއަދު ހަވީރު ހަތަރަކުން ފެށިގެން ހަޔަކަށް ކުރިއަށްދިޔަ ޕްރޮގްރާމްއާއި ގުޅޭގޮތުން ޕީއެސްއެމްއަށް މައުލޫމާތުދެމުން ދަމަނަވެށީގެ ސީނިއާ މެޑިކަލް އޮފިސަރ ޑރ. އައިޝަތު އަރޫނާ އަބްދުﷲ ވިދާޅުވީ ހިތުގެ ދުވަހުގެ ގޮތުގައި ހާއްސަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ހިތުގެ ބަލިތަކުގެ ނުރައްކާތެރިކަން އާންމުންނަށް އަންގައިދީ އެބަލިތަކަށް މަގުފަހިކުރާ ކަންތައްތަކާއި، އެބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް އާންމުންނަށް އޮޅުން ފިލުވައިދީ ހޭލުންތެރިކުރުވުން ކަމަށެވެ. އަދި އެ ސްކްރީނިންގ ޕްރޮގްރާމްގައި ކުރިއަށްގެންދާނީ ހާއްސަކޮށް ހިތުގެ ދުޅަހެޔޮކަމުގެ މިންވަރު ދެނެގަތުމުގެ ގޮތުން ކުރެވޭ ޓެސްޓްތައް ކަމަށް އަރޫނާ ފާހަނގަކުރެއްވިއެވެ."މިޕްރޮގްރާމް ގައި ބަރުދަން ބެލުން، ބޮޑީމާސް އިންޑެކްސް ބެލުން، ލޭގެ ޕްރެޝަރު ބެލުން، ހިތުގެ ވިންދު ބެލުން، ލޭގެ ހަކުރުގެ މިންވަރު ބެލުން، އުނަގަނޑުގެ ވަށަމިން ބެލުން، ފަދަ ކަންތައްތައް ކުރިޔަށްގެންދާނެ" އަރޫނާ ވިދާޅުވިއެވެ.އަރޫނާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމާއި، ފައިދާހުރި ކާނާ ބޭނުންކުރުމާއި، ކަސްރަތުކުރުމާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މައުލޫމާތުތައް ވެސް ފޯރުކޮށްދޭނެ ކަމަށެވެ. ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވަނީ ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތަކުގެ ސަބަބުން ކަމަށްވާއިރު ހިތާއި ލޭހޮޅިތަކުގެ ބަލިތަކުގެ ތެރޭގައި ހިމެނޭ ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމުގެ ސަބަބުން ޅައުމުރުގައި މީހުން ދުނިޔެ ދޫކުރެއެވެ. ހަމައެހެންމެ ބޮޑެތި މީހުންނެކޭ އެއްފަދައިން ކުޑަކުދިންނަށް ވެސް މިފަދަ ބަލިތައް ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރަން ފަށާފައި ވަނީ ވޯލްޑް ހާޓް ފެޑެރޭޝަން، ޑަބްލިޔު.އެޗް.ޑީގެ އިސްނެގުމަކަށް 2000 ވަނަ އަހަރުން ފެށިގެންނެވެ. މިއަހަރުގެ ދުނިޔޭގެ ހިތުގެ ދުވަހުގެ ޚާއްސަ ޝިއާރެއްގެ ގޮތުގައި އެޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަކީ "ކޮންމެ މީހަކަށް، ކޮންމެ ތަނެއްގައި ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓޭނެ ގޮތްތައް ފަހިކުރުން" މި ޝިއާރެވެ.