ދުނިޔޭގެ ވިޔަފާރި

އިންޑިއާގައި އަލިީއެކްސްޕްރެސް މަނާކޮށްފި


އިންޑިއާ އާއި ޗައިނާއާއި ދެމެދު އޮތް ނުތަނަވަސްކަން އިތުރުވެ އޮންލައިން ވިޔަފާރީގައި ނަން މަޝްހޫރު އަލީއެކްސްޕްރެސް ހިމެނޭގޮތައް ޗައިނާގެ އިތުރު 43 މޯބައިލް އެޕެއް އިންޑިއާގައި މަނާކޮށްފިއެވެ.

އިންޑިއާ އާއި ޗައިނާ އާއި ދެމެދު މައްސަލަ ހޫނުވެފައި މިވަނީ ދެ ޤައުމު ގުޅޭ ހިމާލަޔަން ސަރަހައްދުގައި ބަދަލުކުރި ހަމަލާތަކާއި ގުޅިގެންނެވެ.

އިންޑިއާގެ ޓެލެކޮމިއުނިކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިފިޔަވަޅު އަޅަން ނިންމީ ޗައިނާގެ އެޕްތައް ބޭނުންކޮށްގެން އެ ޤައުމުން އިންޑިއާ ރައްޔިތުންގެ ޒާތީ މަޢުލޫމާތު ޗައިނާ ސަރުކާރާއި ހިއްސާކުރުމުން އިންޑިއާގެ ޤައުމީ ސަލާމަތައް ނުރައްކާވުމުގެ ސަބަބުންނެވެ.

އަދި ދެ ޤައުމު ގުޅޭ ސަރަހައްދުގައި މިދިޔަ ޖޫން މަހު ބަދަލުކުރި ހަމަލާގައި އިންޑިއާގެ 20 ސިފައިންގެ މީހަކު މަރުވުމުން އެކަމާއި ދެކޮޅަށް ހިންގާ ޑިޖިޓަލް ސްޓްރައިކަކަށް މިކަން ވެގެންދާނެކަމަށް އިންޑިއާގެ ޓެލެކޮމިއުނިކޭޝަން މިނިސްޓްރީއިން ހާމަކުރެއެވެ. އިންޑިއާގައި މަނާކުރަން ނިންމި އެޕްތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ޓެލެކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ އިންޑިއާގައި މަނާކުރަން ނިންމި 43 އެޕްގެ ތެރޭގައި އިޖުތިމާޢީ މިންގަނޑަށް ނުފެތޭ ޑޭޓިންގް އެޕްތަކާއި ޗައިނާގެ އަލީބާބާ ކުންފުނިން ހިންގާ އީ ކޮމާސް ޕްލެޓްފޯމް އަލީ އެކްސްޕްރެސް ހިމެނޭކަމަށެވެ.

އަލީ އެކްސްޕްރެސްއަކީ ދުނިޔޭގެ އެންމެ ނަން މަޝްހޫރު އީ ކޮމާސް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ޕްލެޓްފޯމެއް ކަމުގައި ވިޔަސް މި ޕްލެޓްފޯމްގެ މަޤުބޫލުކަން އިންޑިއާގައި ކުޑައެވެ. ސަބަބަކީ އަލީއެކްސްޕްރެސް ފިޔަވާ ފްލިޕްކާޓް އާއި، އެމެޒޯން އިންކް ފަދަ އީ ކޮމާސް ޕްލެޓްފޯމްތައް އިންޑިއާގައި މަޤުބޫލުކަން އިތުރުވުމެވެ. އެހެންކަމުން އިންޑިއާގެ މި ފިޔަވަޅުގެ ސަބަބުން އެ ޤައުމަށް ދަތިނުވާނެކަމަށް އެ ޤައުމުގެ ޓެލެކޮމިއުނިކޭޝަން މިނިސްޓްރީއިން ވިދާޅުވިއެވެ. އެހެންނަމަވެސް، މި ފިޔަވަޅުގެ އަސަރު އަލީއެކްސްޕްރެސް ހިންގާ އަލީބާބާ ކުންފުންޏަށް ކުރާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އަލީބާބާއަކީ އިންޑާގެ ފިން-ޓެކް ފާމް ޕޭޓީއެމް އަދި އޮންލައިން ގްރޮސަރ ބިގް ބާސްކެޓްގެ މައިގަނޑު ހިއްސާ އޮންނަ އިންވެސްޓަރ ކަމުގައި ވާއިރު، އިންޑިއާގެ މި ފިޔަވަޅުގެ ސަބަބުން އަލީބާބާއިން މި ކުންފުނިތަކަށް ދަތިކުރުމަށް ފިޔަވަޅު އަޅާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. އެހެންނަމަވެސް އިންޑިއާގެ އައު ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅޭގޮތުން އަލީބާބާއިންވެސް އަދި ޗައިނާ ސަރުކާރުންވެސް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިންޑިއާއިން ޗައިނާގެ އިތުރު 43 އެޕެއް އެޤައުމުގައި ބޭނުންކުރުން މަނާކޮށްފައިވާއިރު، މީގެ ކުރިން ދެ ފަހަރެއްގެ މަތިން އިންޑިއާއިން ވަނީ ޗައިނާގެ 170 އަށްވުރެ ގިނަ އެޕް އެ ޤައުމަގައި ބޭނުންކުރުން މަނާކޮށްފައެވެ. އެގޮތުން އޭރު މަނާކުރި އެޕްތަކުގެ ތެރޭގައި ގިނަ ބައެއްގެ މެދުގައި މަޤްބޫލް އެޕްލިކޭޝަނެއްކަމަށްވާ ޓިކްޓޮކްވެސް ހިމެނެއެވެ.

އިންޑިއާގެ މިނިންމުމާއި އެކު ޗައިނާގެ 210 ވުރެ ގިނަ އެޕް އިންޑިއާގައި ބޭނުން ކުރުން މިހާރުވަނީ މަނާކުރެވިފައެވެ.