ޚަބަރު

އޭދަފުށީން ގޯއްޗަށް އެދުނު ފަރާތްތަކުގެ ފޯމްތައް އިވެލުއޭޓްކޮށް ޑިސެމްބަރުމަހު ލިސްޓް އާއްމުކުރާނެ: ކައުންސިލް


ބ.އޭދަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކަށް އެދި ހުށައެޅި ފޯމްތައް އިވެލުއޭޓްކޮށް ނިންމައި ވަގުތީ ލިސްޓް އަންނަ މަހުގެ މެދެއްހާހިސާބުގައި އެކުލަވާލެވޭނެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަޙުމާން ވިދާޅުވީ ފައިނަލް ލިސްޓު އާންމުކުރުމާއިއެކު ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާނެކަމަށެވެ.

އޭދަފުށިން ދޫކުރުމަށް ހަމަޖެހިފައިވަނީ 1400 އަކަފޫޓްގެ 158 ގޯޗެވެ. މި ގޯތިތައް ހޯދުމަށް 662 ފަރާތަކުން ވަނީ ފޯމް ލާފައެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ހުށައަޅާފައި ހުރި ފޯމްތައް ބެލުމަށްފަހު، ޝަރުތު ހަމަނުވާ ބައެއް ފޯމްތައް މިހާރު ބާތިލްކޮށްފައި ވާކަމަށެވެ. އެހެން ނަމަވެސް ބާތިލު ކުރި އަދަދެއް ވިދާޅެއްނުވެއެވެ.

"އެގޮތުން އެންމެ ފުރަތަމަ 664 ފޯމް ހުށައަޅާފައިވާކަމަށް މައުލޫމާތުދެވުނީ، ފޯމް ނަމްބަރު ތަރުތީބު އޮޅިފައިއޮތުމުން. އަދި ބާތިލް ކުރާ ފޯމްތަކުގެ ޖުމްލަ އެނގޭނީ ހުރިހާ ފޯމެއް ރީޗެކް ކުރުމުގެ މަސައްކަތް ނިމުމުން" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އޭދަފުށީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން 158 ގޯތި ދޫކުރުމަށް ނިންމީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. މި ރަށުން ގޯތި ދޫނުކުރާތާ މިހާރު 30 ވުރެ ގިނަ އަހަރު ވެފައިވާއިރު، ސަރުކާރުން 2014 ވަނަ އަހަރު މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެރަށު ބިމަށް 25 ހެކްޓަރ ގެ ސަރަހައްދެއް ފަޅު ހިއްކައިގެން ވަނީ އިތުރުކޮށްފައެވެ.

ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަޅުމަށް ނިންމާފައިވާ 20000 ފްލެޓްގެ ތެރެއިން އޭދަފުށީގައި 228 ފްލެޓް އެޅުމަށް ވަނީ ހަމަޖެހިފައެެވެ. މި މަސައްކަތް ނިމުމުން އެރަށު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ބޮޑު ހައްލެއްލިބިގެންދާނެކަމަށް އެރަށު ކައުންސިލުން ބުނެއެވެ.