ޚަބަރު

ދަރަވަންދޫއަށް ގެސްޓުން ގެނައުން ކައުންސިލުން މަނާކޮށްފި


ރައްޔިތުން ނުކުމެ މުޒާހަރާ ކުރުމުން ދަރަވަންދޫއަށް ގެސްޓުން ގެނައުން ކައުންސިލުން މަނާކޮށްފިއެވެ.

ގެސްޓް ގެނައުން މަނާކޮށްފައިވާކަން އަންގާފައިވަނީ ދަރަވަންދޫ ކައުންސިލްގެ ތިންވަނަ ދައުރުގެ 174 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ޤަރާރަކުންނެވެ. މިޤަރާރުގައިވަނީ ގެސްޓް ހައުސްތައް ހުޅުވުމަށް ދޫކޮށްފައިވާ ހުއްދައިގެ ދަށުން ފަތުރުވެރިން ދަރަވަންދޫއަށް ގެނައުން އެކައުންސިލުން ވަކިގޮތެއް އަންގަންދެން ހުއްޓާލުމަށެވެ.

ދަރަވަންދޫ ކައުންސިލުން މިގޮތަށް ނިންމާފައިވާއިރު، މިމައްސަލަ ފެންމަތިވެފައިވަނީ ގެސްޓްހައުސް ހުޅުވުމާ ދެކޮޅަށް ރައްޔިތުން ނިންމާފައިވާ ނިންމުމާ ޚިލާފަށް ގެސްޓްހައުސްތައް އަލުން ހުޅުވާލަން ހުއްދަ ދިނުމުންކަމަށް އެރަށުގެ ބައެއް ރައްޔިތުންވަނީ ބުނެފައެވެ. ކޯވިޑް 19ގެ ބަލިމަޑުކަމަށްފަހު ގެސްޓްހައުސްތައް އަލުން ހުޅުވާލުމުގެ ގޮތުން އެކައުންސިލުން ވަނީ ރައްޔިތުންނާ ބައްދަލުކޮށް މިކަން ފެށުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ. ގިނަ ރައްޔިތުން ނިންމީ އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިނަށް ލުއި ލިބުމުން ނޫނީ ހުއްދަދޭން ނުފެންނަކަމަށެވެ.

އެހެން ނަމަވެސް ގެސްޓްހައުސްތައް ހުޅުވާލުމަށް ހުއްދަ ދިނީ ރަށުގެ މާލީ ހާލަތު ދަށަށް ގޮސްފައިވާތީ އެކަން ހައްލުކުރުމަށް ކަމަށް ދަރަވަންދޫ ކައުންސިލުން ބުނެއެވެ. މިކަމާގުޅިގެން ދަރަވަންދޫގައި ހޮނިހިރު ދުވަހުން ފެށިގެންދަނީ މުޒާހަރާވެސް ކުރަމުންނެވެ. މިކަން މިގޮތަށް ދިމާވުމުން ބ.އަތޮޅު ކައުންސިލުންވަނީ އެޗްޕީއޭ އާއި، ޓުއަރިޒަމް މިނިސްޓްރީއާއި، އެލްޖީއޭއާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް ޓެގް އާ އެކު ވާޗުއަލް ބައްދަލުވުމެއްވެސް ބާއްވާފައެވެ. މިބައްދަލުވުމުގައި ވާހަކަ ދައްކަމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގް ވިދާޅުވީ ގެސްޓް ހައުސްތައް ހުޅުވިޔަސް ގެސްޓް ހައުސްތައް ހިންގާ ރަށްރަށުގައި ރައްޔިތުންނަށް ލުއި ދެވޭނީ ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިންކަމަށެވެ.

ދަރަވަންދޫގައި މިހާރު ހުޅުވާ ޚިދުމަތް ދެމުން އަންނަނީ އެންމެ ގެސްޓްހައުސްއަކުންނެވެ. އެތަނުގައި ހުރީ ޔޫރަޕް ގައުމެއްގެ ފިރިހެނެއްކަމަށާއި، އެމީހާ މާދަމާ މެންދުރު ފުރުމަށް ހަމަޖެހިފައިވާކަމަށް ކައުންސިލުން ބުނެއެވެ. ގެސްޓްހައުސްތައް އަލުން ހުޅުވުމަށް އެރަށަށް ހުއްދަ ދީފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ ފަތުރުވެރިޔާ އެރަށަށް ގޮސްފައިވަނީ މިމަހުގެ 18 ވަނަދުވަހުއެވެ.

ބ.އަތޮޅުގައި ގެސްޓްހައުސް ހުޅުވުމަށް މިހާތަނަށް ހުއްދަ ދީފައިވަނީ 3 ރަށަކަށެވެ. އެއީ ދަރަވަންދޫގެ އިތުރުން ކަމަދޫ އާއި މާޅޮހަށެވެ. މިރަށްރަށުގެ ރައްޔިތުންގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ގެސްޓްހައުސްތައް ހިންގާ ރަށްރަށުން ގެސްޓްހައުސް ނުހިންގާ ރަށްރަށަށް ދިއުމުން ކަރަންޓީން ވާން ޖެހުމެވެ.

މިހާރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކޮށް ގެސްޓްހައުސްތައް ހުޅުވާ ފަތުރުވެރިންނަށް އަންނަނީ ޚިދުމަތްދެމުންނެވެ. އަދި މިފަދަ މައްސަލައެއް ދިމާނުވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.