ތަރައްްޤީ

މިއީ ތަރައްޤީގެ މަޝްރޫޢުތަކުގެ ބިންގާ އަޅާ ހަމަ އެ ބާރު މިނުގައި އެ މަޝްރޫޢެއް ނިންމާ ސަރުކާރެއް: ނަހުލާ


ހޯރަފުށީ އެއަރޕޯޓާއެކު ބޮޑު ތިލަދުންމަތީ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތަކާއި އިޤްތިޞާދީ އަދި ސިނާޢީ ހަރަކާތްތަކަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށި އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ، ހޯރަފުއްޓާއި އެ ސަރަހައްދުގެ އެންމެހާ ރައްޔިތުންގެ ހުވަފެންތައް ހަޤީޤަތަކަށް މިއަދު ވެގެން މިދިޔައީ އަތޮޅުތައް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވާ އިސްކަމެއްގެ ސަބަބުންކަމަށެވެ. އަދި ދިވެހިރާއްޖޭގެ އެންމެ އުތުރުގެ އިޤްތިޞާދީ ނާރެހަކަށް ހޯރަފުށީގައި ހުޅުވި އެއަރޕޯޓް ވެގެންދާއިރު މިކަން ތަންފީޒުކޮށްދެއްވާ، ވެވަޑައިގެންނެވި ވަޢުދުފުޅާއެއްގޮތަށް ފުރިހަމަ އެއަރޕޯޓެއްގެ ގޮތުގައި ހޯރަފުށި އެއަރޕޯޓް ހުޅުއްވައިދެއްވީތީ މިނިސްޓަރ ނަހުލާ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑުކަމާގުޅިގެން މުޅި ދުނިޔެއަށް އިޤްތިޞާދީ ހީނަރުކަމެއް އައިސް އެތައްބަޔަކަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ މި ދަނޑިވަޅުގައިވެސް މިފަދަ އެއަރޕޯޓެއް ހުޅުވިގެންދިއުމަކީ އެކަމުގެ ސަބަބުން ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް ވަޒީފާގެ އިތުރު ފުރުޞަތުތަކެއް ތަނަވަސްވެގެންދާނެކަމެއްކަމަށެވެ. އަދި އިޤްތިޞާދީ ހަރަކާތްތަކާއި، ސިނާޢީ މަސައްކަތްތައް ފަށައިގަންނަން ރައްޔިތުންނަށް ލިބޭ އިތުރު ބާރެއްކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރަކީ ތަރައްޤީގެ މަޝްރޫޢުތަކުގެ ބިންގާ އަޅާ ހަމަ އެ ބާރު މިނުގައި އެ މަޝްރޫޢެއް ނިންމާ ސަރުކާރެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެމިތިބޭނީ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލު ހޯދައިދޭ ބައެއްގެ ގޮތުގައި. ވަރަށް އުފަލާއެކު މިއަދު ދަންނަވާލަން ބޭނުންވަނީ މި ފުށީގެމަތިން މީގެކުރިން އުދުހެމުންދިޔަ ހޯރައާއެކު ދެން މި ފުއްޓަށް ތިރިކުރާނީ ބޮޑެތި މަތިންދާބޯޓުތަކޭ" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމް ވިދާޅުވީ، މިއަދަކީ ހޯރަފުށީގެ ތާރީޚުގައި އައި އެންމެ ބޮޑު ޢީދުކަމަށާއި، މިއީ ޒަމާންތަކެއްވަންދެން ރައްޔިތުން ކުރަމުންދިޔަ އުއްމީދުތަކުގައި ހަޤީޤީ ކުލަ ޖެހުނު ދުވަހެއްކަމަށެވެ. އަދި އެއަރޕޯޓް ތަރައްޤީކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ރިކޯޑެއް ޤާއިމުކުރައްވާފައިވާކަން ފާހަގަކުރައްވާ، ރާއްޖޭގައި ބިން ހިއްކައިގެން އެންމެ އަވަހަށް ތަރައްޤީކުރި އެއަރޕޯޓަކަށް ހޯރަފުށި އެއަރޕޯޓުވެގެން ދިއުމަކީ ލިބޭ ފަޚުރެއްކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

"މިއީ ހަޤީޤަތުގައިވެސް ވަރަށް ބޮޑު މަސައްކަތެއް. މިތަނުގައި ހިކިފައި އޮތް އެއްވެސް ބިމެއް މީގެކުރިން ނޯންނާނެ. ހޯރަފުށީގެ ސައިޒަށްވުރެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ސައިޒުގެ ބިން ހިއްކާ އެ ބިން ހަރުކޮށް، ބިން ހިމާޔަތްކުރުމަށް ހިލަތޮށިޖެހި، އެތަނުގައި ރަންވޭއެއް އެޅި، ރީތި ޓަރމިނަލް ބިލްޑިންގއެއް އިމާރާތްކުރެވި މި ބިން ފެހިކުރެވި މިތަނަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރެވި މި ހުރިހާކަމެއް ހިނގާ މިދިޔައީ ވަރަށް ކުޑަ ކުޑަ މުއްދަތެއްގެ ތެރޭގައި" ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވިއެވެ.

ހއ. ހޯރަފުށީގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕޭން ވަޢުދުފުޅެކެވެ. އެކަން ހަޤީޤަތަކަށް ހައްދަވައިދެއްވާ، އެއަރޕޯޓު ރަސްމީކޮށް މިހާރު ހުޅުވާފައިވާއިރު، މި މަޝްރޫޢާއެކު ބޮޑުތިލަދުންމަތީގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިއީ މި ސަރުކާރު އައިފަހުން މަސައްކަތް ފަށައި ތަރައްޤީކޮށް ހުޅުވި ފުރަތަމަ ޑޮމެސްޓިކް އެއަރޕޯޓެވެ.