ކޯވިޑް-19

މަރުވި ބިދޭސީއަކު ޕޮޒިޓިވް، ކޯވިޑް މަރެއްތޯ ކަށަވަރުކުރަނީ


ހުޅުމާލޭގައި މިއަދު މަރުވި ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވެއްޖެއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވީ، މިއަދު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 43 އަހަރުގެ ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި މިހާރު ޢަމަލުކުރަމުންދާ އުޞޫލުގެ ދަށުން އޭނާގެ ސާމްޕަލް ކޯވިޑް-19 އަށް ޓެސްޓުކުރުމުން ބައްޔަށް ޕޮޒިޓިވެފައިވާކަމަށެވެ.

އެހެންނަމަވެސް އެއީ އަދި ކޯވިޑް-19ގެ މަރެއްގެގޮތުގައި އެ ސެންޓަރުން ކަނޑައަޅާފައެއްނުވެއެވެ. މިކަމާގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު އިތުރަށް ބަލަމުންދާކަމަށާއި، އޭނާ މަރުވީ ކޯވިޑް-19ގައިތޯ ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެފައިވެއެވެ.

ހުޅުމާލޭ ހޮސްޕިޓަލަށް މި މީހާ ގެނެސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އޭނާ ގެނެސްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސައިޓަކުންނެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަލު 11،900 އަށްވުރެ މައްޗަށް އަރާފައިވާއިރު، މިހާތަނަށް 39 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 32 ދިވެހިންނާއި، 7 ބިދޭސީންނެވެ.