ތިމާވެށި

ފެނާއި ނަރުދަމާ ނިޒާމުތަކަކީ ތިމާވެއްޓާއި ރައްޓެހި، ޚަރަދު ކުޑަ ނިޒާމުތަކަކަށް ހެދުމަކީ އަމާޒެއް: އެންވަޔަރަމަންޓް މިނިސްޓްރީ


ރާއްޖޭގެ ރަށްރަށުގައި ޤާއިމުކުރާ ފެނާއި ނަރުދަމާގެ ނިޒާމްތަކަކީ ތިމާވެއްޓާއި ރައްޓެހި، ޚަރަދު ކުޑަ ނިޒާމްތަކަކަށް ހެދުމަކީ އަމާޒެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ 5 އޯގަސްޓް 2020 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވި، ފެނާއި ނަރުދަމާގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓެޖިކް ޕްލޭން ހަދާފައެވެ. މި ޕްލޭނާއެކު ފެނާއި ނަރުދަމާގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓެޖިކް ޕްލޭނާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު މުސްތަފާ ވިދާޅުވީ، މި ޕްލޭން އެކުލަވާލާފައި ވާނީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު މައިގަނޑު 6 ސިޔާސަތެއްގެ މައްޗަށް ބިނާކޮށްކަމަށެވެ.

އެގޮތުން ފެނުގެ އެކްސެސް އާއްމުންނަށް އިތުރުކުރުމާއި، ފެނާއި ނަރުދަމާ ނިޒާމުތަކަކީ ތިމާވެއްޓާއި ރައްޓެހި، ޚަރަދު ކުޑަ ނިޒާމްތަކަކަށް ހެދުމާއި، މިކަންކަމާމެދު އާއްމުން ހޭލުންތެރިކުރުވުމަށް މި ޕްލޭންގެ ތެރެއިން މަސައްކަތް ކުރާނެކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި ފެނާއި ނަރުދަމާގެ ދާއިރާއިން އިންސާނީ ވަޞީލަތް އިތުރުކުރުމާއި، ރާއްޖޭގައި ލިބެންހުރި ފެނުގެ ވަޞީލަތްތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ އިތުރުން ރަށްރަށުގައި ފެން ބޮޑުވާ މައްސަލައަށް ހައްލު ހޯދުމަށް މި ޕްލޭން ބާރު އަޅާނެކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ، ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމަކުން މަސައްކަތް ފުރިހަމަނުވާކަމަށެވެ. އޭގެ މަންފާ ރައްޔިތުންނަށް އެންމެ އެކަށީގެންވާގޮތުގައި ލިބޭނީ އެއާގުޅިގެން ދެން ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްގެންކަން ފާހަގަކުރައްވާ، މި ޕްލޭންގެ ސަބަބުން އެކަންކަމަށް ފޯކަސް ކުރެވި، މަސައްކަތްކުރުމަށް ފަސޭހަވެގެންދާނެކަމަށް މުސްތަފާ ވިދާޅުވިއެވެ.

"ހުސްއެކަނި ނަރުދަމާ އެޅީމަ އެ ހިސާބުން ނުނިމޭ. ޙިދުމަތްތައް އެބަޖެހޭ ތަރައްޤީވާން. މީހުން ބިނާކުރެވެން އެބަޖެހޭ. މީހުން ހޭލުންތެރިވާން އެބަޖެހޭ. ފެނުގެ ރިސޯސް އެބަ ހިމާޔަތްކުރެވެންޖެހޭ. އެހެންވީމަ މިކަހަލަ ގުޅިފައިހުރި ކަންތައްތަކަށް ފޯކަސް ކުރެވިގެން މިހާރު މި ހެދޭ ޕްލޭންތައް މި އަންނަނީ. އެހެންވީމަ އަޅުގަނޑު ޤަބޫލުކުރާގޮތުގައި ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ" މުސްތަފާ ވިދާޅުވިއެވެ.

ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ އިންޖިނިއަރ ޢަލީ މިޝާލް ވިދާޅުވީ، ފެނާއި ނަރުދަމާގެ ދާއިރާއިން މިހާރު ދިމާވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް މި ޕްލޭން އެހީތެރިވާނެކަމަށެވެ.

އެގޮތުން ރެގިއުލޭޓަރުގެ ހައިސިއްޔަތުން ރާއްޖޭގެ ރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމް މޮނިޓަރކޮށް ރިކޯޑްކުރުމުގައި ދިމާވާ ދަތިތަކަށާއި، ބަޖެޓް ނެތުމާއި، އިންސާނީ ވަޞީލަތް ނެތުންފަދަ ކަންކަމަށް ލުއިތަކެއް މި ޕްލޭންގެ ސަބަބުން ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މެންޑޭޓުގެ ތެރޭގައި އެބަހިމެނޭ އޮޕަރޭޓްކުރާ ހުރިހާ ރަށްރަށެއް އިންސްޕެކްޓްކުރުމާއި، މިކަންކަން ކުރުން. އެހެންވީމަ އެ އައުޓްރީޗް އަޅުގަނޑުމެންނަށް ނުލިބުން. ބަޖެޓްވެސް އެބަ ބޭނުންވޭ. އެ ގޮންޖެހުން އެބައޮތް އަޅުގަނޑުމެންނަށް. މިހާރު މިއޮތް ޤާނޫނުގެ ތެރެއިން ބޮޑަށް ޑީސެންޓްރަލައިޒްވެ، ލާމަރުކަޒުވެފައި އޮތީމަ އަޅުގަނޑުމެންނަށް އެބައި ވަރަށް ބޮޑަށް ފަސޭހަވެގެން އެބަދޭ. މޮނިޓަރކުރުމާއި، ރިޕޯޓްތައް ގެނައުމާއި، މިކަންކަމުގައި" މިޝާލް ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓެޖިކް ޕްލޭނާކީ ކުރިއަށް 5 އަހަރަށް ފެނާއި ނަރުދަމާގެ ދާއިރާއިން ޙާޞިލުކުރަން ބޭނުންވާ އަމާޒުތަކާއި ލަނޑުދަނޑިތައް ހިމަނައިގެން އެކުލަވާލާފައިވާ ޕްލޭނެކެވެ. މިއީ ފެނާއި ނަރުދަމާގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޕްލޭނެކެވެ. މި ޕްލޭން ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ކޮންމެ ފަސް އަހަރަކުން މި ޕްލޭން ރިވިއުކޮށް، ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.