ތިމާވެށި

އިންސާނުންނަށާއި ތިމާވެއްޓަށް ގެއްލުންހުރި ކެމިކަލް މެނޭޖްކުރުމާއިގުޅޭ ވަރކްޝޮޕެއް ބާއްވައިފި


އިންސާނުންނަށާއި ތިމާވެއްޓަށް ގެއްލުންހުރި ކެމިކަލް މެނޭޖްކުރުމާއިގުޅޭ ޚާއްސަ ވަރކްޝޮޕެއް ބާއްވައިފިއެވެ.

"އެލިމިނޭޓިންގ ޕަރސިސްޓެންޓް އޯރގަނިކް ޕޮލިއުޓެންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް"ގެ ނަމުގައި އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ވަރކްޝޮޕް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް ޑރ. ޢަބްދުﷲ ނަސީރެވެ. މި ވަރކްޝޮޕް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، ދިވެހިރާއްޖެއަކީ 1994 ވަނަ އަހަރުން ފެށިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ، ޖެފްގެ މެމްބަރު ޤައުމެއް ކަމަށާއި، ޖެފްގެ ފަރާތުން ތިމާވެށީގެ އެކި ކަންތައްތައް ކުރުމަށް އެހީ ލިބެމުންދާކަމަށެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ދިވެހިރާއްޖޭގައި އިންސާނުންނަށާއި ތިމާވެއްޓަށް ގެއްލުންހުރި ކެމިކަލް މެނޭޖްކުރުމުގައި ދަތިތަކެއް ހުރިކަމަށާއި އެހެންކަމުން އެއީ މިހާރުން މިހާރަށްވެސް ހައްލުކުރަންޖެހޭ ކަންތައްތަކެއް ކަމަށާއި، މިކަމުގެ ސަބަބުން ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށެވެ. އަދި ތިމާވެއްޓާއި ރައްޓެހިގޮތަށް ކެމިކަލްސް ނައްތާލުމަށް ބޭނުންވާ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންވާކަން ސްޓޭޓް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"އެލިމިނޭޓިންގ ޕަރސިސްޓެންޓް އޯރގަނިކް ޕޮލިއުޓެންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" އަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި، ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫއު ހިންގުމަށް ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ ދަށުން 3.6 މިލިއިން ޑޮލަރު ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި ކެމިކަލލްސް ގެ ބާވަތެއް ކަމަށްވާ 'ޕަރސިސެޓެންޓް އޯރގަނިކް ޕޮލިއުޓެންޓްސް' (ޕޮޕްސް) މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. މި ޕްރޮޖެކްޓްގެ ދަށުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕެލޭންގައިވާ ގޮތަށް ނުރައްކާތެރި ކެމިކަލްތައް މެނޭޖްކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމުގެ ޔަޤީންކަންވެސް ސެޓޭޓް މިނިސްޓަރ ވަނީ ދެއްވާފައެވެ.

ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަސީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މި ޕްރޮޖެކްޓުގެ ދަށުން 24 ޓަނުގެ ޕީސީބީ- ކޮންޓެމިނޭޓެޑް އޮއިލް އަދި އިކުއިޕްމަންޓްތައް ރާއްޖެއިން ބޭރު ފެސިލިޓީއަކަށް ފޮނުވައިގެން ނައްތާލުންކަމަށާއި މިކަންތައް ކުރުމަށް ބޭނުންވާ ސިސްޓަމްތައް ޤާއިމުކުރާނެކަމަށެވެ. އެގޮތުން މި ތަކެތި ކަލެކްޓްކުރުމާއި، ލޭބަލްކުރުމާއި، ސްޓޯރ ކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލުމަށާއި ނައްތާލުމަށް ސިސްޓަމްތައް ޤާއިމުކުރެވިގެންދާނެކެމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. މި ޕްރޮޖެކްޓްގެ ދަށުން ކުރެވިގެންދާނެ އެންމެ ބޮޑު ކަމަކީ ނުރައްކާތެރި ކެމިކަލްސްތައް މެނޭޖްކުރުމަށް ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމުކުރުން ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.