ތިމާވެށި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ


ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިއަދު ކުރަމުންދާ ވިއްސާރައިގައި މ. މުލަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުގެ ސަބަބުން ބައެއް ގޭގެއަށް ފެންވަދެއްޖެއެވެ. ފުލުހުން ބުނީ މިއަދު މުލަކަށް ކުރަމުންދާ ވިއްސާރައިގައި އެރަށުގެ ބައެއްގޭގެއަށް ފެންވަނަމުންދާތީ، ގޭގެއަށް ފެންނުވަންނާނެހެން ވެލިބަސްތާޖެހުމުގެ މަސައްކަތް މުލަކު ޕޮލިސްސްޓޭޝަންގެ ފުލުހުން ކުރަމުންދާކަމަށެވެ. މި ވިއްސާރައިގެ ސަބަބުން އެއްވެސް ތަނަކަށް ނުވަތަ މީހަކަށް ގެންލުން ވީކަމުގެ މަޢުލޫމާތެއް އަދި މިހާތަނަކަށް ލިބިފައެއް ނުވެއެވެ.މޫސަމާބެހޭ ޤައުމީ އިދާރާއިން ބުނީ ރ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މޫސުން ގޯސްވެ، ގަދަ ވަޔާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އެއިދާރާއިން ވަނީ މިއަދު މެންދުރުފަހު 2:30ގެ ނިޔަލަށް އެސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ. މި ސަރަހައްދު ތަކުގައި ވިލާގަނޑުގައި ގަޑިއަކު ސާޅީސް މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާއިބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.ކުރިޔަށްފަސްދުވަހުވެސް ރާއްޖޭގެ އެކި ހިސާބަކަށް ވިއްސާރަކޮށް ޚާއްޞަކޮށް މެދުރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ  ގޮތެއްގައި ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން އަދިވެސް މޫސުމަށް ސަމާލުވެ ދަތުރުތައް ރޭވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.