ތިމާވެށި

އެއޯސިސްގެ ވަޒީރުން ބައްދަލުކުރައްވައިފި


އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް، އެއޯސިސްގެ ރިޔާސަތާއި ރާއްޖެއިން ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް އެއޯސިސްގެ ޤައުމުތަކުގެ ވަޒީރުން ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ނިއުޔޯކްގައި ހުންނަ އދގެ މައިމަރުކަޒުގައެވެ. މިޖަލްސާގެ ރިޔާސަތު ބަލަހައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ ޠާރިޤު އިބްރާހިމްއެވެ.މި ޖަލްސާގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ޤާނޫނީ އެއްބަސްވުމެއް މިއަހަރު ޕެރިހުގައި ފާސްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. 2030 ވަނައަހަރުގެ ފަހުން އަމަލުކުރާ ދެމެހެއްޓެނިވި ތަރައްގީއާ ބެހޭ އެޖެންޑާ ތަންފީޒްކުރުމަށް ބޭނުންވާނެ ވަސީލަތްތައް ހޯދުމުގެ މުހިންމުކަންވެސް މިނިސްޓަރގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.މިއަހަރު ޕެރިހުގައި އެއްބަސްވުމެއް އެކުލަވާލުމަށް ކުރެވޭ މަސައްކަތް ހިނގާ ދުވެއްޔާމެދު، އެއޯސިސްގެ ވަޒީރުން ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް ޕެރިހުގައި ބާއްވާ ޖަލްސާ ކާމިޔާބުވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ. މިބައްދަލުވުމުގައި ވަޒީރުންގެ ފެންވަރުގައި ނިންމަންޖެހޭނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.އެގޮތުން މަޝްވަރާ ކުރި ކަންތައްތަކުގެ ތެރޭގައި އިޔާދަނުކުރެވޭ ކަންކަމަށް ބަދަލުހޯދުމާއި، އެކި ގައުމުތަކުން އުފުލަންޖެހޭ ޒިންމާ އެއްބަސްވުމުގެ ދަށުން ތަފާތުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މިކަންކަމުގައި އެއޯސިސްއިން ގެންގުޅޭނެ ސްޓްރެޓެޖީތައް ސާފްކޮށް ކަނޑައެޅިފައިވުން ހިމެނެއެވެ.2030 ވަނައަހަރަށް ފަހު އަމަލުކުރުމަށް ހަމަޖެހިފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ބައިނަލްއަޤްވާމީ އެޖެންޑާ އެކުލަވާލުމަށް އެއޯސިސްގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކަށް މި ޖަލްސާގައި މަޝްވަރާކޮށްފައިވާކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ކުދި ޖަޒީރާ ގައުމުތަކުން އެއްބަސްވެފައިވާ ސިޑްސް އެކްސިލަރޭޓެޑް މޮޑަލިޓީސް އޮފް އެކްޝަން ނުވަތަ ސަ.މޯ.އާ ޕާތުވޭއައި ގުޅުވައިގެން މި އެޖެންޑާ ތަންފީޒުކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރިކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ. މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ މުއާހަދާގެ ކޮންފަރެންސް އޮފް ދަ ޕާޓީޒްގެ 21 ވަނަ ޖަލްސާ އަންނަ ޑިސެންބަރމަހު ޕެރިހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި މަޝްވަރާކުރެވޭނީ މޫސުމަށް އަންނަބަދަލުތަކުގެ މައްސަލައާއި ބެހޭގޮތުންކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ.