ޚަބަރު

ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމުވުމަށް އިނގުރައިދޫ ރައްޔިތުން ކުރި އުއްމީދު ހަޤީޤަތަކަށް


ރާއްޖޭގެ ގިނަ ރަށްތަކެއްގެ ފެން ފަށަލަ ވަނީ ތަޣައްޔަރުވެފައެވެ. މީގެ ތެރެއިން އާބާދީ މަދު ރަށްތަކުގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމްކޮށްދިނުމުގައި ކުރީގެ ސަރުކާރުތަކުން މާބޮޑު މަސައްކަތްތަކެއް ކޮށްފައެއް ނެތެވެ. އެރަށްރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީވެސް އެއީއެވެ. އެހެން ނަމަވެސް މިިސަރުކާރު އައި ފަހުން ރާއްޖޭގެ ރަށްރަށުގައި ދިމާވެފައިވާ ސާފު ބޯފެނާއި ނަރުދަމާގެ މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތްތައް ވަނީ ހަލުވިކޮށްފައެވެ.

އާބާދީގައި 2125 މީހުން ދިރިއުޅޭ، ރ.އިނގުރައިދޫއަކީވެސް ފެންތަޣައްޔަރުވުމުގެ މައްސަލަ އާއި ކުރިމަތިލާންޖެހިފައިވާ ރަށެކެވެ. އިނގުރައިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ހަސަން ވިދާޅުވީ، ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރެވުމަކީ އެކަމަށްޓަކައި ރަށުގެ ރައްޔިތުން އެންމެ ބޮޑަށް އުއްމީދުކުރާ ކަންތައްތައް ކަމަށެވެ. އަބްދުﷲ ހަސަން ވިދާޅުވީ، މޫދާއި ކައިރީގައި ހުރި ގެތަކުގެ ފެން ލޮނުވަމުން ދާތީ އެކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުން ދާކަމަށެވެ.

"ރަށުގެ ފެންފަށަލަ މަޑުމަޑުން ދަނީ ހަލާކުވަމުން، ވަކިން ހާއްސަކޮށް މޫދާ ކައިރީގައި ދިރިއުޅޭ މީހުންގެ ޝަކުވާ ލިބޭތީ، މި ވާހަކަތައް ކުރީ ސަރުކާރުތަކުގައި ދަންނަވާފައިވާނީ، އަދިކިރިޔާ މިކަމަށް ހައްލެއް މި ލިބުނީ" އަބްދުﷲ ހަސަން ވިދާޅުވިއެވެ.

ރ. އިނގުރައިދޫއަކީ ރާއްޖޭގެ އެހެން ގިނަރައްތަކެކޭ އެއްގޮތަށް ރައްޔިތުން ނަރުދަމާ ނިޒާމެއް ޤާއިމްކޮށްފައި އޮތް ރަށެކެވެ. އެކަމަކު އެއީ އެންމެ އެކަށީގެންވާ ރައްކާތެރި ގޮތުގައި ކުރެވިފައިވާ މަސައްކަތެއް ނޫނެވެ.

ގުދުރަތީ ގޮތުން ރީތި މޫދަކާއި، ގޮނޑުދޮށެއްލިބިފައިވާ އިނގުރައިދޫގެ ހިތްގައިމު ގޮނޑުދޮށް ވަށައިގެން ފެންނަމުން ދަނީ ނަޖިސްހޮޅިތަކެވެ. ނަޖިސް ހޮޅި ނެތް ދިމާލެއް ނެތެވެ. މޫދަށް އެރޭ މީހުންގެ ކަންބޮޑުވުންވެސް އެބަހުއްޓެވެ. އެކަމުގެ ސަބަބުން ސިއްޙީ ގޮތުން ދިމާވެދާނެކަންކަންވެސް އެބަހުއްޓެވެ.

"ވަކި އެހެން ބަލާފައެއް ނޫން އަޅާފައި ހުންނާނީ، ކޮންމެ މަގަކާދިމާލުންހެން އޮންނާނެ ނަޖިސްހޮޅިއެއް، ރައްޔިތުން ގުޅިގެން ނުވަތަ 4 ގެއެއް އެކުވެގެން އޭރު ނަރުދަމާ އަޅާފައިއޮންނާނީ އެކަމަކު މައްސަލަ ޖެހުން ކުޑަނަމަަވެސް ރަށުގެ ރީތިކަން މިވަނީ ގެއްލިފައި" ކައުންސިލްގެ ނައިބްރައީސް އަބްދުﷲ ހަސަން ވިދާޅުވިއެވެ.

ރ.އިނގުރައިދޫގައި ފެނާ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މިމަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ރަށުގެ ބޮޑެތި މަގުތަކުގައި ހޮޅިތައް ވަޅުލުމުގެ މަސައްކަތެވެ. މިކަމުގެ އަމަލީ މަސައްކަތް ފެށިތާ ތިންހަފްތާވެފައި ވާއިރު، މަސައްކަތް ކުރިއަށްދާ ސްޕީޑާމެދު ރައްޔިތުން ހިތްހަމަޖެހޭކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މި މަސައްކަތް ކުރަމުންދަނީ އަލްޓެކް މޯލްޑިވްސް ކިޔާކުންފުންޏަކުންނެވެ. ދިވެހި ސަރުކާރުން ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރުޢޫގެ މަސައްކަތް ހަވާލުކޮށްފައިވަ ދެއަހަރު ތެރޭގައި ނިންމާގޮތް މިއަހަރުގެ މާޗް މަހުގެ 17 ވަނަދުވަހުއެވެ.

މަސައްކަތް ނުފެށި ލަސްވެގެން ދިޔައީ ކޯވިޑް 19ގެ ބަލިމަޑުމާގުޅިގެންނެވެ.

އިނގުރައިދޫގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމް ކުރެވުމަކީ އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.