ޚަބަރު

ނައިބޮލި ފުޓްސަލް: ޗެމްޕިއަންކަން، އެޕެކްސް އާއި ކޮރަކަލި އެފްސީއަށް


  • މުބާރާތުގައި 13 ޓީމް ވާދަކުރި

ނައިފަރު ކައުންސިލުގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެޕެކްސް ސްޕޯރޓްސް ކްލަބާއި ކޮރަކަލި އެފްސީން ހޯދައިފިއެވެ. ނައިބޮލި ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އެޕެކްސްއެވެ. އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ކޮރަކަލި އެފްސީ އެވެ/
.
އެޕެކްސް ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރުގެ ޗެމްޕިއަން ކޭކޭޑީޑީގެ މައްޗަށް ފައިނަލުގައި 2-0 ން ކުރި ހޯދައިގެންނެވެ. ދެ ހާފްގައި އެޕެކްސްގެ ދެ ލަނޑު ޖެހީ ފަރަހު އަހުމަދާއި, ރައުޝާ މުޙައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އެޕެކްސްގެ ކެޕްޓަން ފާތިމަތު އިނާޝާ އާދަމްއެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އެޕެކްސްގެ ސަންފާ ހާޝިޔާ މުޙައްމަދު ރަފީއު އާއި މަ-އާލް ހާމިދު އާއި ކީޕަރު ހުމެއިދާގެ އިތުރުން އަރޭކާ ސްޕޯރޓްސް ކްލަބްގެ ލަންކާ ކުޅުންތެރިޔާ އިމޭޝާގެ އިތުރުން ކޭކޭޑޫޑީގެ އިރާން ކުޅުންތެރިޔާ މަރިޔަމް ނައުރީ އެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީވެސް ނައުރީ އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ އެޕެކްސްގެ ރައިޝާ މުޙައްމަދެވެ. އެންމެ މޮޅު ކޯޗަކީ އެޕެކްސްގެ ކޯޗު އަދީލް އަބްދުالله އެވެ.

ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ކޮރަކަލި އެފްސީ ހޯދީ ފައިނަލުގައި ކޮނަހާސް 3-0 ން ބަލިކޮށްގެންނެވެ. ތިން ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ މޮހޮސިން އެވެ. ދެވަނަ ލަނޑު ޖެހީ ކެޕްޓަން ހުސެއިން ފައިސަލް އެވެ. އަދި ތިންވަނަ ލަނޑު ޖެހީ އަބްދުالله ރަމީޒު އަހުމަދެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކީ ކޮރަކަލި އެފްސީގެ ހުސެއިން ފައިސަލް އެވެ. މިޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކޮނަހާސްގެ އަހުމަދު އަޝްރަފް އާއި ކޮރަކަލި އެފްސީގެ މޮހޮސިން އާއި ރައްޒާން ޖައުފަރާއި ކޭކޭޑީޑީގެ ހުސެއިން އަފްސަލްގެ އިތުރުން ކޮނަހާސްގެ ކީޕަރު މާހީ އަބްދުލް ޣަނީ އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ އަރޭކާ ސްޕޯރޓްސް ކްލަބްގެ އިޔާން އާރިފް އަބްދުالله އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ކޮނަހާސްގެ އަޝްރަފް އެވެ. އަދި އެންމެ މޮޅު ކޯޗަކީ ކޮރަކަލި އެފްސީގެ އަބްދުالله މުޙައްމަދެވެ.