ޚަބަރު

އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވައިފި


އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދެއްވައިފިއެވެ.

ނެޝަނަލް ޑިމޮކްރަޓިކް ކޮންގްރެސްގެ ނަމުގައި އުފައްދާ މި ސިޔާސީ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވަނީ ނެޝަނަލް އިންޓަރ ގްރިޓީ ކޮމިޝަންގެ ކުރީގެ މެމްބަރު ޔޫސުފް މާނިއުއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ މިއަދު ދެއްވައި ލިޔުން ހަވާލުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކުގައި މެންބަރުންގެ އަދަދު އެންމެފަހުން ހާމަކޮށްފައިވާއިރު ރާއްޖޭގައި މިވަގުތު އޮތީ 10 ސިޔާސީ ޕާޓީއެެވެ. އޭގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގައެވެ. އެގޮތުން އެ ޕާޓީގައި 52،952 މެންބަރުން ތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެމްޑީޕީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު ޕީޕީއެމްގައެވެ. އެ ޕާޓީގައި 37،144 މެންބަރުން އެބަތިއްބެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ބަލާއިރު ދިވެހި ރައްޔިތުންގެ ޕާޓީއާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި, ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ 3000 މެންބަރުން ހަމަނުވެއެވެ. އަދި ޤާނޫނުގައި ކޮންމެ އަހަރަކު ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބޭވަރަށް މެންބަރުން ހަމަވަނީ ތިން ޕާޓީއެއްގައި އެކަންޏެވެ. އެގޮތުން 10،000 މެންބަރުން ހަމަވަނީ ހަމައެކަނި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އާއި ޖުމްހޫރީ ޕާޓީގައެވެ.