ޚަބަރު

އިންޓެގްރިޓީ ކޮމިޝަނަށް 4 ބޭފުޅަކު ޢައްޔަނުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް 4 ބޭފުޅަކު، މިއަދު ޢައްޔަންކުރައްވައިފިއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ، ފާދިއްޕޮޅު ނައިފަރު، ނިކަގަސްދަށުގެ ޤާސިމް ޢަބްދުލްކަރީމާއި، މާފަންނު ޕިސްތާގެ އާމިނަތު ޝާދިޔާއާއި، ގަލޮޅު ދޫރެސްވިލާ އަލްއުސްތާޛާ ޢާޝިޔަތު ޝިއުނާއާއި، ދަފްތަރު ނަންބަރު ރސ، 1188 އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާނެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާ ވަނީ ޙަވާލުކުރައްވާފައެވެ.

އެންއައިސީގެ މެންބަރުކަމަށް ޢައްޔަނުކުރެއްވި ޤާސިމް ޢަބްދުލްކަރީމަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތް އެންމެ ފުރަތަމަ ފަޅާއަރުވާލި ބޭފުޅާއެވެ. އޭނާ ވަނީ ފ.ނިލަދޫ ބީއެމްއެލް ބްރާންޗުގެ މެނޭޖަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގާ ދިޔަ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާކުރެވެމުން ދިޔަ ބީއެމްއެލްގައި އޮންނަ އެސްއޯއެފްގެ އެކައުންޓްގެ މައުލޫމާތުތައް އާންމުކޮށްފައެވެ.

އެންއައިސީގެ ރައީސްކަމުގެ މަޤާމު ހުސްވެފައި ވަނީ ކުރިން އެމަޤާމުގައި ހުންނެވި އަޙުމަދު ސުލައިމާން އެމަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް ޖުލައި މަހުގެ 21 ވަނަ ދުވަހު މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން އޭނާ މަޤާމުން ވަކިކޮށްފައިވުމުންނެވެ. އަދި އިތުރު ތިން މެންބަރެއްގެ މަޤާމު ހުސްވެފައި ވަނީ އެންއައިސީގެ ނައިބު ރައީސް ހައްސާން ހަމީދާއި މެންބަރު ހަދީޖާ އަބްދުﷲގެ އިތުރުން ކޮމިޝަންގެ މެންބަރު އަޙްމަދު އަމީން މަގާމުން އިސްތިއުފާ ދެއްވާފައިވާތީއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ކަސްޓަމްސް ސަރވިސް އާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި، މޯލްޑިވްސް އިމިގްރޭޝަން ގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙްޤީޤުކުރުމާއި، އެފަދަ ޢަމަލެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމެއް ބަލައި ތަޙްޤީޤުކުރުމަށް އުފައްދަވާފައިވާ މިނިވަން މުއައްސަސާއެކެވެ.