ޚަބަރު

ލަންދޫ ބަނދަރުގެ މަސައްކަތް، އަންނަ އަހަރުގެ ފެބްރުއަރީއަށް ނިންމުމަކީ އަމާޒެއް - އެމްޓީސީސީ


ނ.ލަންދޫ ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ނިންމުމަކީ އަމާޒެއްކަމަށް އެމަސައްކަތްކުރާ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެކުންފުނިން ވިދާޅުވީ މިހާރު އެރަށު ބަނދަރު ސަރަޙައްދު ކޮނުމުގެ މަސައްކަތުގެ %65 މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ކުރިއަށްއޮތް މަދު ދުވަސް ކޮޅެއްގެތެރޭގައި ބަނދަރު ފުންކޮށް ނިންމައިލެވޭނެކަމަށް އުންމީދު ކުރައްވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ. މި މަސްރުޢޫގެ ދަށުން ފަންސަވީސްހާސް އަކަ މީޓަރުގެ ސަރަހައްދެއް ފުންކުރުމަށްވަނީ ހަމަޖެހިފައެވެ.

މި މަސައްކަތުގެ އިތުރުން ދުއިސައްތަ ފަންސާސް ހަ މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި ހަތަރު ސަތޭކަ އެއް މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާ ފަސްދޮޅަސް މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްޖެހުމަށް ވަނީ ނިންމާފައެވެ. އަދި ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ އިތުރުން ބާރަ ސަތެކަ އައްޑިހަ އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހަދާގޮތައްވެސް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 35.60 މިލިއަން ރުފިޔާއަށެވެ. މިބަނދަރު ހެދުމުގެ އަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 10 ވަނަދުވަހުއެވެ.