ޚަބަރު

އަނގޮޅިތީމް ބަނދަރު ފުން ކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ


ރ.އަނގޮޅިތީމު ބަނދަރު ފުން ކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެކަމަށް މަސައްކަތުގެ ކޮންޓެކްޓަރ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެކުންފުނިން މިހާރު ވަނީ ބަނދަރު ހެދުމަށް ބޭނުންވާ ސާމާނުވެސް އެރަށަށް ގެންގޮސްފައެވެ. އަދި މި މަސްރުޢޫގެ އަމަލީ މަސައްކަތް ފެއްޓުމުގެ ގޮތުން މިމަހުގެ 22 ވަނަދުވަހު ވަނީ ސައިޓް މޮބަލައިޒްވެސްކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން އެރަށުގައި ސާޅީސް ދެހާސް ކިޔުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކޮށް ހިއްކުމާއި، ދުއިސައްތަ އެކާވީސް މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި، ނުވަދިހަ މީޓަރަށްވުރެ ބޮޑު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިމަސައްކަތްތަކުގެ އިތުރުން އެއްހާސް އެއްސަތޭކަ ދިހަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުމާއި، މަގު ބައްތި ޖެހުންވެސް ހިމެނެއެވެ.

މި މަސްރޫޢޫ އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 44.31 މިލިއަން ރުފިޔާއަށް މިމަހުގެ 08 ވަނަ ދުވަހުއެވެ. މި ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ބަނދަރުތައް ތަރައްޤީ ކުރަމުންނެވެ. މިހާރު ހަދަމުންދާ ގިނަ ބަނދަރުތައް އަންނަ އަހަރު ހުޅުވޭނެކަަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.