ކޯވިޑް-19

ކޯވިޑް-19 : ކުޅުދުއްފުށީގައި ރޯގާގެ ޢަލާމާތްތައް ހުރި މީހުން ލަސްނުކޮށް ފްލޫ ކްލިނިކަށް ދެއްކުމަށް އެދިއްޖެ


ހދ. ކުޅުދުއްފުށީގައި ހުމާއި ރޯގާގެ ޢަލާމާތްތައް ހުރި މީހުން ލަސްނުކޮށް އެ ރަށުގައި ޤާއިމުކޮށްފައިވާ ފްލޫ ކްލިނިކަށް ދެއްކުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން އިލްތިމާސްކުރައްވައިފިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަަ ދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ އައި.ޖީ.އެމް.އެޗްގެ އެތެރެހަށީގެ ބަލިތަކުގެ ޚާއްސަ ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ، ކުޅުދުއްފުށިން ޕޮޒިޓިވްވި ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށުން މިހާތަނަށް ނެގި ސާމްޕަލްތައް ނެގެޓިވްވެފައި ވީނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެއްވެސް ރައްޔިތަކު ފަރުވާކުޑަކޮށްގެން ނުވާނެކަމަށެވެ. އަދި މިއީ މުޅި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކެއްކަމުން ހުރިހާ ފަރާތްތަކަކުންވެސް މިކަމަށް އެއްބާރުލުންދިނުން މުހިއްމުކަމަށް ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން 85 އިންސައްތަ މީހުންގެ ކިބައިން އެންމެ އާއްމުކޮށް ފެންނަ ޢަލާމާތްތަކަކީ ހުމާއި ރޯގާކަމުން، ކުޅުދުއްފުށީގައި ހުމާ ރޯގާގެ ޢަލާމާތްތައް އެއްވެސް މީހެއްގެ ކިބައިން ފެންނަން ހުރިނަމަ، އެމީހަކު ލަސްނުކޮށް އެ ރަށުގެ ލޯކަލް މާރުކޭޓް އިމާރާތުގައި ޤާއިމުކޮށްފައިވާ ފްލޫ ކްލިނިކަށް ދެއްކުމަށް ޑރ. މުޙައްމަދު ޢަލީ ވަނީ އިލްތިމާސްކުރައްވާފައެވެ.

"ބަލީގެ ޢަލާމާތްތަކުގެ ގޮތުގައި މި ހުންނަނީ އާދާއިގެ ރޯގައިގެ ޢަލާމާތްތައް. މިސާލަކަށް ރޯގާ އައުން، ހުން އައުން. ބަލި ޖެހޭ މީހުންގެ 85 އިންސައްތަ މީހުންގެ ފުށުން މި ފެންނަނީ ހުން އައުން. ދެން ކެއްސުން، ނޭވާލާން އުނދަގޫވުން. ވަރަށް މަދު ޙާލަތެއްގައި ވަސްނުދުވުން ނުވަތަ ރަހަނުލުން މިދިމާވަނީ. އެހެންވީމަ ހުމާއެއްކޮށް ނުވަތަ ހަމައެކަނި ހުން ވައްތަރުވިޔަސް ނުވަތަ ހަމައެކަނި ކެއްސުމެއް އަޔަސް މިދުވަސްވަރު ފްލޫ ކްލިނިކަށް ދެއްކުމަކީ ވަރަށް މުހިއްމުކަމެއް" ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ، ހުމާ ރޯގާ ޖެހިފައި ތިބި މީހުންނާއި ނޭވާލާން އުނދަގޫވާ މީހުން އެންމެ ބުއްދިވެރީ ސަރޖިކަލް މާސްކެއް ބޭނުންކުރުން ކަމަށާއި، އެހެން މީހުން މަގުމައްޗަށް ނުކުމެ އުޅޭއިރު ފޮތި މާސްކް ބޭނުންކުރެވިދާނެ ކަމަށެވެ. އަދި ޒަރޫރީ ބޭނުންތަކުގައި ނޫންގޮތަކަށް، މިދުވަސްވަރު މަގުމައްޗަށް ނުކުމެނޫޅުމަށް ޑރ. މުޙައްމަދު ޢަލީ ވަނީ ކުޅުދުއްފުށީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

ކުޅުދުއްފުށިން ކޯވިޑް-19ގެ އެކްޓިވް ކޭސްތަކެއް ފެނުމާގުޅިގެން އެރަށުގައި އިތުރަށް ބަލި ފެތުރޭތޯ ދެނެގަތުމަށް މުޖުތަމަޢުގައި އެކި ޚިދުމަތްތައް ފޯރުކޮށްދޭ މީހުން ހިމެނޭހެން ޖުމަލް 120 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، އެއިން އެއްވެސް މީހަކު ޕޮޒިޓިވެފައެއްނުވެއެވެ. އެހެންނަމަވެސް އެ ރަށް މޮނިޓަރިންގެ ޙާލަތުން ދޫކޮށްލެވެންނެތްކަމަށް އެޗް.އީ.އޯ.ސީން ވަނީ ވިދާޅުވެފައެވެ. އަދި ކުޅުދުއްފުށިން އަދިވެސް އިތުރު ރެންޑަމް ސާމްޕަލްތަކެއް ނެގުމަށް ހަމަޖެހިފައިވާކަމަށް އެ ސެންޓަރުން ވިދާޅުވެފައި ވެއެވެ.