ކޯވިޑް-19

ކޯވިޑް-19 : ފިޔަވަތިން ޕޮޒިޓިވްވި ޢަދަދު 38 އަކަށް


ދައުލަތުގެ ބެލުމުގެ ދަށުން ކުދިން ބަލަހައްޓަމުންދާ ހުޅުމާލޭ ފިޔަވަތިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 38އަށް އަރައިފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު އެޗް.އީ.އޯސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ.ފާތިމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ފިޔަވަތިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 38 އަށް އަރާފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފިޔަވަތީގައި މަސައްކަތްކުރާ 20 މުވައްޒަފަކާއި، 18 ކުދިން ހިމެނޭކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ، ފިޔަވަތިން ކޯވިޑް-19ގެ އެކްޓިވް ކޭސްތަކެއް ފެނުމާގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 80 މީހަކު ފާހަގަކުރެވިފައި ވާކަމަށެވެ. އަދި އެތަނުން ފަހުން ޕޮޒިޓިވްވި 2 މީހުންނަކީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ މީހުންގެ ތެރެއިން އަލާމާތްތައް ފެނިގެން ޓެސްޓްކުރުމުން ޕޮޒިޓިވްވި 2 މީހުންކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ފިޔަވަތިން ކޯވިޑް-19ގެ ކޭސްއެއް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަމަހުގެ 30ވަނަ ދުވަހުއެވެ. ފިޔަވަތިން ކޯވިޑް-19ގެ އެކްޓިވް ކޭސްތަކެއް ފެނުމާގުޅިގެން އެޗް.ޕީ.އޭގެ އިރުޝާދާއެކު، އެތަނުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަމަށް ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ވަނީ ވިދާޅުވެފައެވެ.

ފިޔަވަތީގެ އިތުރުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިދޭސީ މަސައްކަތްތެރިން ހަރަކާތްތެރިވާ ސައިޓަކުން ކޯވިޑް-19ގެ 72 އެކްޓިވް ކޭސް ފެނިފައިވާތީ، އެތަން ކޮންޓައިންމަންޓް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މި ކޭސްތަކަކީ މިދިޔަ ހަފްތާގެ ތެރޭގައި ފެނިފައިވާ ކޭސްތަކެއްކަމަށާއި، މިކަމާގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.