ދީން

އދ. ދަނގެތީގައި ބިނާކުރާ އައު މިސްކިތުގެ މަސައްކަތް އަންނަ ޖެނުއަރީމަހަށް ނިންމަނީ


އދ. ދަނގެތީގައި ބިނާކުރާ އައު މިސްކިތުގެ މަސައްކަތް އަންނަ ޖެނުއަރީމަހަށް ނިންމާލެވޭނެކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރާއި ޙަވާލާދީ އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ދަނގެތީގައި އިމާރާތްކުރާ އައު މިސްކިތަކަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އާބާދީގައި ހާހަކަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ދަނގެތީގައި 3 މިސްކިތެއް މިހާރުވެސް ހުރެއެވެ. އެއީ އެރަށު ކުޑަ މިސްކިތާއި، ބޮޑު މިސްކިތުގެ އިތުރުން އަންހެނުންނަށް ޚާއްސަ ކުޑަ މިސްކިތެކެވެ. ކުޑަ މިސްކިތުގައި އެއްފަހަރާއި 100 މީހުންނަށް ނަމާދުކުރެވޭއިރު، ބޮޑު މިސްކިތުގައި އެއްފަހަރާ 250 އެއްހާ މީހުންނަށް ނަމާދުކުރެވެއެވެ. ހުކުރު ނަމާދާއި، ޢީދު ނަމާދުތައްފަދަ ބޮޑު ޖަމާޢަތުގައި ކުރާ ނަމާދުތައް ކުރާއިރު، ރަށުގެ ދެ މިސްކިތްވެސް ފުރޭކަމަށް ދަނގެތި ކައުންސިލުން ވިދާޅުވެއެވެ.

މިކަމަށް ހައްލެއް ގެނައުމުގެގޮތުން ދަނގެތީގައި އައު މިސްކިތެއް ބިނާކުރުމުގެ މަސައްކަތް މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިއީ ދަޢުލަތުގެ ބަޖެޓުން ތިން މިލިއަން ހަ ސަތޭކަ ތިރީސް އެއްހާސް ސަތޭކަ ފަންސަވީސް ރުފިޔާ ނުވަދިހަ ލާރި ޚަރަދުކޮށްގެން ބިނާކުރާ މިސްކިތެކެވެ. މިއީ ދެ ޖިންސުގެ މީހުންނަށްވެސް ނަމާދުކުރެވޭނެހެން ބިނާ ކުރާ މިސްކިތެކެވެ. މި މިސްކިތުގެ ބިންގާ އަޅާފައިވަނީ 2 ނޮވެމްބަރ 2019 ގައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ދަނގެތި ކައުންސިލުގެ ރައީސް މުޙައްމަދު ތައުފީޤު ވިދާޅުވީ، މިސްކިތުގެ ކޮންކްރީޓް މަސައްކަތް ގާތްގަނޑަކަށް ނިމުމަކާގާތްވެފައި ވާކަމަށާއި، ރޭނުގެ ބޮޑުބައެއްވެސް މިހާރު ނިމިފައިވާކަމަށެވެ. އަދި ކޯވިޑް-19ގެ ސަބަބުން އެންމެ ބޭނުންވާ ސްޕީޑުގައި މަސައްކަތް ކުރިއަށްނުދިޔަނަމަވެސް، އަންނަ އަހަރުގެ ޖެނުއަރީމަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމެލެވޭ ވަރުވާނެކަމަށް ކޮންޓްރެކްޓަރާއި ޙަވާލާދީ ތައުފީޤު ވިދާޅުވިއެވެ.

"ކޯވިޑް-19ގެ ޙާލަތުގެ ތެރޭގައިވެސް ކޮންމެވެސް ވަރަކަށް މަސައްކަތް ކުރިއަށްދިޔަ. ނަމަވެސް މިހާރު ސާމާނު ލިބުމުގައި ހުރި ދަތިކަމެއްގެ ސަބަބުން މަސައްކަތް ކޮންމެވެސް ވަރަކަށް ހުއްޓިފައި އޮތީ. އެ ބޭނުންވާ ސްޕީޑުގައި މަސައްކަތް ކުރިއަށްނުދާތީ ބުނި ތާރީޚަކަށް ނިންމޭގޮތެއްނުވޭ. މިހާރު އެބޭފުޅުންގެ އަމާޒަކީ އަންނަ އަހަރުގެ ޖެނުއަރީ ހިސާބުގައި މަސައްކަތް އެއްކޮށް ނިންމާލުން" ދަނގެތި ކައުންސިލުގެ ރައީސް ތައުފީޤު ވިދާޅުވިއެވެ.

ދަނގެތީގެ އިތުރުން އިތުރު 6 ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ލ. ކަލައިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއި، ރ. ވާދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތަކާއި، ލ. ފޮނަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއި، ލ. ގަމުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން އއ. ބޮޑުފޮޅުދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އަދި ނ. ލަންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް އެކި ކުންފުނިތަކާއި ޙަވާލުކޮށްގެން އެ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.