ޚަބަރު

މަޝްރޫޢުތަކަށް އަބޫދާބީ ފަންޑްގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި


  • އޭޑީއެފްޑީގެ ޑީޖީ ވަނީ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފަ

  • ބައްދަލުވުން އޮތީ ރައީސް އޮފީހުގައި

ދިވެހިރާއްޖެ އާއި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށް ގެންދެވޭނެ މަޝްރޫޢުތަކާއި އެއްބާރުލުން އިތުރުކުރެވޭނެ ދާއިރާތަކުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ސާއިފް އަލް ސުވައިދީ މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ކުރިއަށްގެންދެވީ، އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ސާއިފް އަލް ސުވައިދީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ސާއިފް އަލް ސުވައިދީ އާއި ވަފުދަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ އިޙުތިފާލުތަކުގައްޔާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވީތީ އެ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި، ދިވެހިރާއްޖެ އާއި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށް ގެންދެވޭނެ މަޝްރޫޢުތަކާއި އެއްބާރުލުން އިތުރުކުރެވޭނެ ދާއިރާތަކާއި މަޝްރޫޢުތަކާއިމެދު ދެފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުން ނިންމަވާލައްވާފައިވަނީ ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ދިވެހިރާއްޖެ އާއި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ އުއްމީދު އައުކުރައްވަމުންނެވެ.