ރިޕޯޓް

ޙައްޖު ކަވަރކުރުމަށް ސައުދީން ދޭ ފުރުސަތު - ރަނުގެ ފުރުސަތެއް!


ކޮންމެ އަހަރެއްގައިވެސް ޙައްޖު ކަވަރުކުރުމަށް އެކި ޤައުމުތަކުގެ ނޫސްވެރިންނަށް ސައުދީ އަރަބިއްޔާއިން ފުރުޞަތު ދެމުންގެންދެއެވެ. އެގޮތުން މިފަހަރު މިފުރުޞަތު ދިވެހި ރާއްޖެއިން ލިބުނީ ޕީއެސްއެމްގެ "މުހައްމަދު އަފްޒަލް" އަށެވެ. އެއީ ދައުލަތުގެ މީޑިއާއަށް ލިބުނު ފުރުސަތުގައެވެ.މިދަތުރުގެ މުހިއްމުކަން ބޮޑުވެގެންދަނީ، ޙައްޖުގެ އަޅުކަންކަވަރުކުރަން ލިބިގެންދާ ފުރުޞަތެއްގެ އިތުރުން އެކި ޤައުމުތަކުން އަންނަ މީޑިއާ ޓީމުގައި ހިމެނޭ ހުރިހާ ނޫސްވެރިނަން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިގެންދާތީއެވެ. ދަތުރުގެ ޓިކެޓުން ފެށިގެން ގޮސް އެމީހެއްގެ ގައުމަށް އެމީހަކު ދަންދެން ހުރިހާ ޚަރަދެއް ބަލަހައްޓާ ނޫސްވެރިންނަށް މެހެމާންދާރީ ފަހި ކޮށްދެނީ ސައުދީ ސަރުކާރުންނެވެ. ކަން މިހެން އޮތްނަމަވެސް މިއީ، ތަޖްރިބާ ބޮޑު ދަތުރެކެވެ.އަފްޒަލް ބުނާގޮތުން މައްކާއަށް ވަތް ދުވަހު މައްކާގެ މުޅި އުދަރެސް ބައްދާލާފައި އޮތީ ކަޅު ވިއްސާރަ ވިލާތަކުންނެވެ. އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ހަރަމްފުޅަށް ވަތްއިރު މީހުން ތަކުން މުޅި ހަރަމްފުޅު ވަނީ ފުރި ބާރުވެ ތޮއްޖެހިފައިކަމަށް އޭނާ ކިޔާދިނެވެ. " ގެފުޅާއި ވިހާވެސް ގާތުން ޠަވާފުކުރުމުގެ ނިޔަތުގައި މިސްކިތުގެ އެންމެ ތިރިން ތޮވާފްކުރަން ފެށިތަނާއި ބޯކޮށް ވާރޭވެހެން ފެށުމާއި އެކު މީހުންގެ ކޮއްޕުންތަކާއެކު ގޮސް ޠަވާފުކުރުމަށް މަތިން އަޅާފައި އޮންނަ ރިންގުގެ ހިޔަލަށް ވަދެވުނުތާ މިނެޓެއްވެސް ނުވަނީސް ދެން ހިނގައިގެން ދިޔަކަމަކީ މިހާތަނަށް އަޅުގަޑަށް ދިމާވި އެންމެ ބިރުވެރިކަންތައް. މައްކާގެ ހަރަމްފުޅު ބޮޑުކުރަމުން ދިޔަ ކެރޭނެއް އަޅުގަޑާއި 50 އަކަށް ފޫޓް ގާތަށް ވެއްޓި އެތައް ބަޔަކު ޝަހީދުވެ ޒަހަމްވި ހާދިސާ. އެތައް އިރަކަށް ފަހު އުމްރާގެ ކަންކަން ނިންމާ އަލުން އެނބުރި ޖިއްދާއަށް އައިސް އިހްރާމް ބޭލިއިރު އެހާދިސާގައި ޒަހަމްވި ބައެއް މީހުންގެ ލޭ އަޅުގަޑުގެ އިހްރާމްގައި ވެސް ހޭކިފައި ހުރި. " އަފްޒަލް އެ ހިތާމަވެރި މަންޒަރު ސިފަކުރަމުން ކިޔައިދިނެވެ. އަފްޒަލް ބުނާގޮތުން އޭނާ ޙައްޖު ކަވަރ ކުރުމަށް ޖިއްދާއަށް އައިރު އޭރު އެތަނުގައި ތިބީ 5 ގައުމެއްގެ ނޫސްވެރިންނެވެ. އެހެންނަމަވެސް މިހާރު އެތައް ގައުމަކުން އެތައް ނޫސްވެރިންނެއް އައިސް އެބަތިއްބެވެ. ނޫސްވެރިން ތިބެނީ ޖިއްދާގައެވެ. ޖިއްދާގައި ވަރަށް މަތީފެންވަރުގެ މެހްމާންދާރީއެއް ފޯރުކޮށްދެއެވެ" މިހާތަނަށް ނޫސްވެރިންނަށް މައްކާ މަދީނާގެ މުހިއްމު ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުސަތު ސައޫދީ ސަރުކާރުން މިވަނީ ހަމަޖައްސައިދީފަ. އެގޮތުން ކޮންމެ ތަނަކަށް ދަތުރުކުރުމަށްވެސް ބޮޑެތި ބަސްތައް އޮވޭ. މީޑިއާ މަސައްކަތް ކުރުމަށް ބޮޑު މީޑިއާ ސެންޓަރެއް އެންމެ ފަހުގެ ޒަމާނީ ތަކެއްޗާއި އެކު ގާއިމްކޮށްފައިވޭ. އިންޓަނެޓާއި ޕްރިންޓަރާއި ފެކްސް މެޝިނާއި އެމީހެއްގެ ޤައުމަށް ގުޅޭ ގޮތަށް ފޯންވެސް ބަހައްޓާފައި ހުރޭ. "މީގެއިތުރުން ނަމާދު ކުރާނެ ތަނަކާއި ނޫސްވެރިންނަށް ސިއްހީ ކަމެއް ދިމާވެއްޖެނަމަ ފަރުވާ ދޭނެ ކުލިނިކަކާއި، ބޭހާއި ޑޮކްޓަރުންނާއި ނަރުންހުން ހަމަޖައްސާފައި ހުންނަކަމަށާއި، މިތަނުގައި ތިބި ހުރިހާ ނޫސްވެރިންވެސް ދަނީ ސައުދީން ހަމަޖައްސާދީފައިވާ ޚިދުމަތްތަކާއެކު ޙައްޖުގެ ކަވަރޭޖް އެންމެ ފުރިހަމަކޮށް ގެނެސްދެވޭތޯ މަސައްކަތް ކުރަމުން ކަމަށް އަފްޒަލް ފާހަގަކުރެއެވެ. ސައުދީ ސަރުކާރުން ލިބުނު ފުރުޞަތުގައި ޕީއެސްއެމްގެ އަފްޒަލް ޙައްޖު ކަވަރ ކުރުމަށް މައްކާގޮސް ހުރި އިރު، ޙައްޖު މިޝަނުން ލިބުނު ފުރުޞަތެއްގައި ޕީއެސްއެމްގެ ސީނިއަރ އެޑިޓަރ މޫސާ ވަސީމު ވެސް މިހާރުވެސް ގެންދަނީ ޙައްޖަށް ގޮސްތިބި ދިވެހިންނާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތުތައް ގެނެސްދިނުމަށް މަސައްކަތްކުރަމުންނެވެ. ޕީއެސްއެމް އިން ވަނީ ޙައްޖުގެ މަތިވެރި އަޅުކަމުގެ ކަވަރޭޖް ވީއެންމެ ފުޅާ މިނެއްގައި ގެނެސް ދިނުމަށް ތައްޔާރުވެފައެވެ.