އާދީއްތަ ދުވަހުގެ ރޭ ސޯސަންމަގުގައި 2 ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ދަންވަރު 01:12 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރި މިއެކްސިޑެންޓާ ގުޅިގެން 3 މީހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އަނިޔާވެފައިވަނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށެވެ.
މީގެ ތެރެއިން އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި އަދި އަނިޔާވި ދެ ފިރިހެނުންނަށް ފަރުވާދެމުންދިޔައީ އައިޖީއެމް ހޮސްޕިޓަލުގައެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި، މިމަހުގެ 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އޭނާއަކީ އެކްސިޑެންޓުވި 2 ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި މީހާއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވި 21 އަހަރުގެ މީހަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.