ރިޕޯޓް

ހައުސިން ޔުނިޓް ލިބުމަކީ މުސްތަޤްބަލް ބިނާކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް


ތުޅާދޫން ހައުސިން ޔުނިޓް ދޫކުރުމަކީ މުސްތަޤްބަލް ބިނާކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ހައުސިން ޔުނިޓް ލިބުނު ފަރާތްތަކުން ބުނެފިއެވެ.

ބ.ތުޅާދޫގައި 100 ހައުސިން ޔުނިޓް އަޅަން ފަށާފައިވަނީ 2011 ވަނަ އަހަރުއެވެ. އެ ހައުސިން ޔުނިޓްތަކުގެ ތެރެއިން މިހާތަނަށް އައިއިރު ނިމުނީ 50 ހައުސިން ޔުނިޓްއެވެ. އަނެއް 50 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދާތަނެއް ނުފެނެއެވެ.
އެހެން ނަމަވެސް މި ސަރުކާރުން އިއުލާން ކުރި 100 ހައުސިން ޔުނިޓްގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ތުޅާދޫން ދޫކުރި ހައުސިން ޔުނިޓް ލިބުނު މީހުންގެ ނަން އިއުލާން ކުރުމުން ރައްޔިތުންގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ. އެމީހުން ބުނީ މިއީ އެމީހުން ދަރިން ގޮވައިގެން މީގެ ކުރިން އުޅުނު ދަތި ހާލައް ނިމުމެއް ގެނެސްދިން ކަމެއްކަމަށެވެ.

ތުޅާދޫން މިފަހަރު ދޫކުރި 50 ހައުސިން ޔުނިޓް ކުރިމަތިލުމުގެ ފުރުސަތު އެހެން ރަށްރަށުގެ މީހުންނަށްވެސް އޮތެވެ. އެރަށުން ގެ ދޫކުރުމަށް ހެދި އުސޫލްގައި ރަށުން ބޭރުގެ 5 ފަރާތަކަށް ހައުސިން ޔުނިޓް ލިބޭގޮތައް ހަމަޖެހިފައި އޮތުމުން ބައެއް ރައްޔިތުން ނުރުހުންވެސް ފާޅުކުރިއެވެ. އެހެންނަމަވެސް ތުޅާދޫގައި އެހެން ރަށްރަށުގެ މީހުން އާބާދުކުރުމުގެ ވިސްނުން ކައުންސިލުން ގެންގުޅެއެވެ. އެގޮތުން މި 50 ހައުސިން ޔުނިޓް ތެރެއިން 5 ހައުސިން ޔުނިޓް ވަނީ އެހެން ރަށްރަށުގެ މީހުންނަށް ދީފައެވެ. އެގޮތުން ތުޅާދޫގައި ދިރި އުޅޭ އެހެން ރަށްރަށުގެ މީހުންނަށްވަނީ އިސްކަން ދީފައެވެ.

އެތައްދުވަހެއްވަންދެން ދެކެމުން އައި ހުވަފެނުގައި ކުލަޖެހުމުން ގެތައް ލިބުނު އާއިލާތަކުން ދަނީ އުފާފާޅުކުރަމުންނެވެ. އެގޮތުން ގެތައް ލިބުނު ފަރާތްތަކުން ގެތައް ކައިރިއަށްގޮސްވަނީ ފޮޓޯ ނަގާހަދާފައެވެ.

"މިއަދު މިތިބީ ވަރަށް އުފާވެފަ. ކުރިން އުޅެމުން އައީ ހާދަހާލެއްގައޭ، ދެދަރިން ތިން ދަރިން ގޮވައިގެން، އެއްގެއެއްގައި 3 އާއިލާއެއް އެބަ ދިރިއުޅޭމިހާރުވެސް އެހެން ކަމުން އަދުގެ ސަރުކާރަށް ހަމަ ހައްޤު ޝުކުރު އަދާކުރަން" ތުޅާދޫން ހައުސިން ޔުނިޓް ލިބުނު މީހުން ބުންޏެވެ.

ގެތައް ލިބުނު މީހުންނަށް އެތަންތަނަށް ވަދެ ދިރިއުޅެން ފެށޭނީ، އެޑްވާސްގެ ގޮތުގައި ނަވާރަހާސް (19000) ރުފިޔާ ދައްކައިގެންނެވެ. އެއަށްފަހު މަހު ކުލީގެ ގޮތުގައި 20 އަހަރު ވަންދެން ދެހާސް ފަސްސަތޭކަ (2500) ރުފިޔާ ދައްކަން ޖެހެއެވެ.

ތުޅާދޫގައި 88 ގޯއްޗާ 100 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި، މިތަންތަނުގެ މަސައްކަތް ނިމުމުން ރަށުގެ 90 އިންސައްތަ އާބާދީއަށް ބޯހިޔާވަހިކަން ލިބި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ތުޅާދޫ ކައުންސިލްގެ ރައީސް އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

އާބަދީގައި 3000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ތުޅާދޫގައި މިހާރު ހުރި ގޭބިސީގެ އަދަދަކީ 559 އެކެވެ. ތުޅާދޫއަކީ އެއަތޮޅުގައި އާބާދީ ދެވަނައަށް އެންމެ ބޮޑު ރަށެވެ. ބިންފުރި ގެދޮރު ބޭނުންވާ އާއިލާތައް ގިނަވުމުން 2009 ވަނަ އަހަރު ތުޅާދޫއިން 17 ހެކްޓަރގެ ސަރަހައްދެއް ހިއްކިއެވެ. މިހާރު ހައުސިން ޔުނިޓްތައް އަޅަނީ އެހިއްކި ސަރަހައްދުގައެވެ.