ދުނިޔޭގެ ވިޔަފާރި

ޓެސްލާގެ ފައިދާ ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ


އިލެކްްޓްރިކް ކާރު އުފައްދާ މަޝްހޫރު ކުންފުނި، ޓެސްލާގެ ފައިދާ ރިކޯޑް މިންވަރަކަށް އިތުރުވެ، މިއަހަރުގެ ތެރޭގައި ބައި މިލިއަން ކާރު ވިއްކުމުގެ އަމާޒު ހާސިލްކުުރުމާ ގާތަށް ޖެހިލައިފިއެވެ.

އިޔާދަކުރަނިވި ހަކަތައާއި އިލެކްޓްރިކް ވެހިކަލް އުފައްދާ ޕަބްލިކް ކުންފުންޏެއްކަމަށްވާ ޓެސްލާގެ މާލީ ހިސާބުތައް ދައްކާގޮތުން އެކުންފުންޏަށް ތިންވަނަ ކުއާޓާގެ އާމްދަނީގެ ރިޕޯޓް އާންމުކޮށްފައިވާއިރު އެކުންފުންޏާށް މި ކުއާޓާގައި 874 މިލިއަން ޑޮަލަރުގެ ފައިދާއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓާގައި ކުންފުންޏަށް ލިބުނު ފައިދާއާއި އަޅާކިޔާއިރު 156 އިންސައްތަ އިތުރު އަދަދެއްކަމުގައިވާއިރު ދެ ވަނަ ކުއާޓާއާއި އަޅާބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ. އަދި މީގެ އިތުރުން ތިންވަނަ ކުއާޓާގައި ޓެސްލާއަށް ފައިދާގެ ގޮތުގައި ލިބިފައިވާ އާމްދަނީއަކީ، މިއަހަރު ކުރީ ކޮޅު ތަޖުރިބާކާރުން ޓެސްލާއަށް ފައިދާވާނެކަމަށް ލަފާކޮށްފައިވާ 593 މިލިއަން ޑޮަލަރަށްވުރެ 281 މިލިއަން އިތުރު އަދަދެކެވެ. ޓެސްލާގެ ތިންވަނަ ކުއާޓާގެ ކާމިޔާބު އާމްދަނީގެ ރިޕޯޓް އާންމުކުރުމާއެކު އެ ކުންފުނީގެ ސްޓޮކްވެސް ވަނީ ރިކޯޑް މިންވަރަކަށް އިތުރުވެފައެވެ.

ޓެސްލާގެ އޮޕަރޭޝަންއާއި ގުޅޭގޮތުން ވާހަކަދައްކަމުން ކުންފުނީގެ ފައުންޑަރ އަދި ސީއީއޯ އެލޮން މަސްކް ވަނީ ކޯވިޑް-19ގެ ސަބަބުން ކުންފުނި ހިންގުމަށް ދަތިތަކާއި ކުރިމަތިވިނަމަވެސް، މިވަރު ބޮޑު ފައިދާއެއް ލިބުމަކީ ކުންފުނީގެ މާކެޓިން ސްޓްރެޓެޖީގެ ކާމިޔާބީއެއްކަމަށް ސިފަކޮށްފައެވެ.

ފުރަބަންދުގެ ފިޔަވަޅުތަކުގެ ސަަބަބުން ޓެސްލާގެ މައި އެއް ކާރު އުފައްދާ ކާރުޚާނާކަމުގައިވާ ފްރެމޮންޓް ކެލޮފޯނިއާ ކާރުޚާނާ ބަންދުކުރުން ވެގެންދިޔައީ މިއަހަރު ކުރީކޮޅު ވިޔަފާރީގައި ހިފި އަމާޒުތައް ޙާސިލްކުރުމަށް އެޅުނު ހުރަހެއްކަމަށް އެލަން މަސްކް ވަނީ ބުނެފައެވެ. އެހެންނަމަވެސް، ކޯވިޑްގެ މިޙާލަތުގައިވެސް ޓެސްލާގެ ވިޔަފާރި ހުއްޓުމެއްނެތި ހިނގާ މިއަހަރުގެ ފުރަތަމަ ކުއާޓާގައި 319 ހާސް ކާރު ވިއްކާލެވުމަކީ އެ ކުންފުނިން މިއަހަރުގެ ތެރޭގައި ބައި މިލިއަން ކާރު ވިއްކުމުގެ އަމާޒު ހާސިލްކުުރުން ލިބުނު ބާރެއްކަމަށް މަސްކް ވަނީ ބުނެފައެވެ.

ޓެސްލާއިން ވަނީ ފްރެމޮންޓް ކެލޮފޯނިއާ ކާރުޚާނާ ބަންދުކުރުމަށް ފަހު ހެޔޮ އަގެއްގައި ވިއްކާ މޮޑެލް "ވައި އެސްޔޫވީ" ކާރު އުފެއްދުމުގެ ކެޕޭސިޓީ އިތުރުކޮށްފައެވެ. އެގޮތުން މިކާރުޚާނާގައި އަހަރެއްގެ މައްޗަށް މޮޑެލް ވައިގެ ފަސްސަތޭކަ ހާސް ކާރާއި މޮޑެލް އެސް އަދި މޮޑެލް އެކްސްގެ 90 ހާސް ކާރު އުފެއްދޭނެއެވެ.

ޓެސްލާއަށް މިއަހަރުގެ 3 ވަނަ ކުއާޓާގައި ލިބުނު 874 މިލިއަން ޑޮަލަރުގެ ފައިދާއާއެކު، ކުންފުނީގެ ރެވެނިއު 39 އިންސައްތަ ކުރިއަރާ 8.8 ބިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ. އަދި ކުންފުނީގެ ކޭޝް ފްލޯ 3 ގުނަ އިތުރުވެ 1.4 ބިލިއަން ޑޮލަރަށް އަރާފައެވެ.