ރިޕޯޓް

ކަނޑުމަތީގެ ހާދިސާތައް އެންމެ އެކަށީގެންވާގޮތުގައި ރިޕޯޓްނުކުރެވޭ


ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް އަދިވެސް އެންމެ ފުރިހަމަގޮތުގައި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ނުކުރެވޭކަމަށާއި، އެފަދަ ހާދިސާއެއް ހިނގައިފިނަމަ އެންމެ އިސްކަމެއްދޭންވީ އެ ޙާދިސާއަކާއި ގުޅޭ އެންމެ ސައްހަ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ހިއްސާކުރުމަށް ކަމަށް ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ. ރޭގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާ މިދުވަސްވަރު، އެފަދަ ހާދިސާތައް އާއްމުންގެ ފަރާތުން އަދިވެސް އެންމެ އެކަށީގެންވާގޮތުގައި ކަމާބެހޭ އިދާރާތަކަށް ރިޕޯޓްނުކުރެވޭކަމަށެވެ.ފާއިތުވި ހަފްތާތެރޭގައި ހިނގި ކަނޑުމަތީގެ އެންމެ ބޮޑު ހާދިސާ، އދ. މާމިގިލީ "ސަން" ފެރީ އަޑިޔަށްދިޔަ ހާދިސާއަށް އިޝާރާތްކުރައްވާ، ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވީ، އެހާދިސާގައިވެސް ބޯޓުން ދަތުރުކުރި މީހުންގެ އަދަދު މިހާތަނަށްވެސް ކަށަވަރުކުރެވިފައިނުވާތީ، ފުލުހުންނާއި ސިފައިން ގުޅިގެން ކުރި މަސައްކަތުން ސަން ފެރީއިން ސަލާމަތްކުރެވުނީ އެފެރީއިން ދަތުރުކުރި އެންމެންކަމާމެދު އަދިވެސް ސުވާލު އުފެދޭކަމަށެވެ. އެހެންކަމުން ކަނޑުމަތީގައި ހިނގާފާނެ ހާދިސާއަކުން ރައްކާތެރިވެތިބުމަށްޓަކައި، އެއުޅަނދަކުން ދަތުރުކުރަނީ ކިހާ އަދަދެއްގެ މީހުންތޯއާއި، އެމީހުންނާއި ބެހޭ ފުރިހަމަ މައުލޫމާތު އެއްކޮށްފައި ބެހެއްޓުން މުހިއްމުކަމަށް ކޯސްޓްގާޑްގެ ކޮމާންޑަރ ވިދާޅުވިއެވެ. އަދި އެފަދަ ހާދިސާއެއް ހިންގައިފިނަމަ، އެމައުލޫމާތު ލަސްނުކުރައްވާ ސަލާމަތީ ބާރުތަކާއި ހިއްސާކުރެއްވުމަށްވެސް ކާނަލް މުހައްމަދު އިބްރާހިމް އެދިވަޑައިގެންނެވިއެވެ.މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކަނޑުމަތީގައި ހިނގާފާނެ ހާދިސާތައް މަދުކުރުމަށްޓަކައި، ފުލުހުންނާއި ސިފައިންގުޅިގެން ވަނީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުތަކުގައި ސަލާމަތީކަންކަން ހުރިނެތްގޮތް ބެލުމަށްޓަކައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން ފުލުހުންގެ މެރިން ޕޮލިސް ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް އިޔާޒް ވިދާޅުވީ، މި އޮޕަރޭޝަން އަދިވެސް ހުއްޓާނުލާކަމަށާއި، އެހެން އަހަރުތަކާއި ހިލާފަށް މިފަހަރުގެ އޮޕަރޭޝަންގައި އުޅަނދުފަހަރުތަކުގެ ސަލާމަތީކަންކަން ވަރަށް ބޮޑުތައް ރަނގަޅުކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު، އެން.ޑީ.އެމް.ސީގެ ފަރާތުން ވާހަކަދައްކަވަމުން ސީނިއަރ ޕްރޮގްރާމްސް އޮފިސަރ އުމަރު ފިކުރީ ވިދާޅުވީ، މޫސުން ގޯސްވެ، ވިއްސާރަވުމުގެ ސަބަބުން ހިނގާފާނެ ހާދިސާއަކުން ރައްކާތެރިވެތިބުމަށްޓަކައި، ދުރާލާ އެފަދަ ކަންކަމަށް ތައްޔާރުވެގެންތިބުމަށް އެ ސެންޓަރުގެ ފަރާތުން ހުރިހާ ރައްޔިތުންނަށްވެސް އިލްތިމާސްކުރާކަމަށެވެ. މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސުން މައުލޫމާތުދެއްވާ ގޮތުގައި ރާއްޖެއަށް މިހާރުކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ނަމަވެސް ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފެއްގެ ސަބަބުން މިސެޕްޓެމްބަރ މަހުގެ 14 އިން ފެށިގެންވަނީ އާދަޔާ ޚިލާފަށް ވައިގަދަވެ މޫސުން ގޯސްވެފައެވެ. ރާއްޖެއަށް މިހާރުކުރަމުންމިދާ ވިއްސާރައިގައި، ވައިބާރުވެ ކަނޑުގަދަވުމުގެ ސަބަބުން ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ވަނީ ހިނގާފައެވެ. މިހާދިސާތަކުގައި މީހެއްގެ ފުރާނައަށް ގެއްލުން ނުލިބުނުނަމަވެސް އުޅަނދުފަހަރަށާއި މީހުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މިފަދަ ހާދިސާތައް މަދުކުރުމަށް ހުރިހާ ފަރާތްތަކަކުންވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއްދީގެން ދަތުރުފަތުރުކުރުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރެއެއް ނޫނީ މިދުވަސްވަރު ނުކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.