މިހާރު ކުރިއަށްދާ ޗައިނާ އޯޕަން ޓެނިސް މުބާރާތުން ރަޝިޔާގެ ޑެންލީލް މެދްވެދޭވް ޑިސްކޮލިފައިކޮށްފިއެވެ.
ދުނިޔޭގެ ރޭންކިންގެ ފަސްވަނައިގައި މިވަގުތު ހުރި މެދްވެދޭވް މި މުބާރާތުން ޑިސްކޮލިފައި ކޮށްފައިވަނީ މުބާރާތުގެ ސެމީ ފައިނަލުގައި ސާބިޔާގެ ނޯވަކް ޖޯކޮވިޗް އާއި ދެކޮޅަށް ކުޅުނު މެޗުގައި ސަޕޯޓަރުންގެ ތެރެއަށް ބޯޅަ ޖެހުމާއި ގުޅިގެންނެވެ. އަދި މެދްވެދޭވް ޖެހި ބޯޅަ ސަޕޯޓަރެއްގެ ލޮލުގައި ޖެހި އޭނާއަށްވަނީ އަނިޔާވެފައެވެ.
މި މެޗަށްފަހު ޖޮކޮވިޗް ވަނީ މި ހާދިސާ އާއިއެކު އޭނާއަށް ލިބިގެންދިޔައީ ޝޮކެއް ކަމަށާއި އަދި އުންމީދު ކުރަނީ ބޯޅައިން ޖެހުނު ސަޕޯޓަރަށް ސީރިއަސް އަނިޔާއެއް ނުވާކަމަށެވެ.
2020 ވަނަ އަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތުން ޖޯކޮވިޗް ވެސްވަނީ ހަމަ މިފަދަ ހާދިސާއަކާއި ގުޅިގެން ޑިސްކޮލިފައި ކޮށްފައެވެ.
މި މުބާރާތުގެ ފައިނަލުގައި ޖޮކޮވިޗް އާއި ބައްދަލުކުރާނީ އޮސްޓްރޭލިއާގެ އެލެކްސް ޑެމިނޯއެވެ. ޑެމިނޯ އަށް މުބާރާތުގެ ފައިނަލުން ފުރުސަތު ލިބިފައިވަނި ސެމީ ފައިނަލުގައި ޕޮލެންޑްގެ ހުބާޓް އާއި ދެކޮޅަށް ކުޅުނު މެޗުގެ ވަކި ހިސާބަކުން އޭނާއަށް ލިބުނު އަނިޔާ އަކާއި ގުޅިގެން މެޗު ދޫކޮށްލުމުގެ ސަބަބުންނެވެ.