ޚަބަރު

ކުޅުދުއްފުއްޓަށް ޚާއްސަ ޓީމެއް ފޮނުއްވުމަށް ނިންމަވައިފި


ކުޅުދުއްފުށި ސިޓީގައި ކޯވިޑް-19ގެ ކޭސްތަކެއް ފެންނަމުންދާތީ އެކަމާބެހޭ ކަންކަން ބެއްލުމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޚާއްސަ ޓީމެއް އެކުލަވާލައި އެޓީމް ކުޅުދުއްފުއްޓަށް ފޮނުވުމަށް ނިންމަވައިފިއެވެ.

މި ޓާސްކްފޯސް އެކުލަވާލަވާލުމަށް ނިންމަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިގޮތަށް ނިންމެވުމާއި ގުޅިގެން އެކަމުގެ އަމަލީ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވަނީ ފައްޓަވައިފިއެވެ. އެގޮތުން ޓީމް އެކުލަވާލައި މިއަދު ވަނީ ބައްދަލުވުން ބާއްވާފައެވެ. އަދި ކުޅުދުއްފުށި ސިޓީއަށް އެޗްއީއޯސީގެ ޓެކްނިކަލް ބޭފުޅުން ހިމެނޭގޮތަށް ޓީމެއް ފޮނުއްވުމަށް ވެސް ވަނީ ނިންމަވާފައެވެ.

މި ޓީމުގެ މަސައްކަތްތައް ކުރިޔަށް ގެންދާއިރު ކުޅުދުއްފުށި ސިޓީގައި މުހިއްމު ކަންތައްތައް ނުހުއްޓި ކުރިޔަށް ގެންދެވޭނެ ގޮތަކަށް މަސައްކަތްތައް ރޭއްވެވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކުޅުދުއްފުށިސިޓީއަކީ ހަތްދިހަ ހާސް މީހުންގެ އާބާދީއަކަށް ކޭޓަރ ކުރާ އުތުރު ސަރަހައްދުގެ އިޤްތިޞާދީ ހަބް ކަމަށްވުމުން ފިޔަވަޅުތައް އެޅުމުގައި އިޤްތިޞާދީ ގޮތުންނާއި އިޖްތިމާއީގޮތުންވެސް މަސައްކަތްތައް ނުހުއްޓި ކުރިޔަށް ގެންދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމް ކުރެއްވުމަށް ނާއިބު ރައީސްބަނީ އެދިވަޑައިގެންފައެވެ. އަދި ކުޅުދުއްފުށީގެ މިހާލަތާއި ގުޅިގެންވެސް ދަޢުލަތަށް އެންމެ މުހިއްމުވާނީ ރައްޔިތެއްގެ ސިއްޙަތުކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައިވަނީ މިހާރުގެ ޙާލަތަށް ބަލާ އެކި އިދާރާތަކުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމާއި ބޭސްފަރުވާއަށް އެއްވެސް ދަތިކަމެއް ނައިސް ކުރިޔަށް ގެންދެވޭނެ ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ފުރިހަމައަށް އިޖާބަދެއްވާނެ ކަމަށް އިދާރާތަކުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައްޔިތުން ކަންބޮޑުނުވުމަށާއި ސިއްޙީ މާހިރުންނާއި ހުރިހާ އިދާރާތަކެއް ގުޅިގެން އަޅަންވާ ފިޔަވަޅުތައް ދުރާލާ އެޅުމާއެކު، ބަލި އިތުރަށް ފެތުރުނުނަ ނުދިނުމަށް މިހާރުވެސް ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާނެ ކަމުގެ ޔަޤީންކަން ބައްދަލުވުމުގައި ބައިވެރިވި މުއައްސަސާތަކުންނާއި އިދާރާތަކުންވަނީ ދީފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޅުދުއްފުށިން މިވަގުތު ކޯވިޑްގެ-19 އެކްޓިވް 7 ކޭސް ވަނީ ފެނިފައެވެ. އެއީ 4 ދިވެހިންނާއި 3 ބިދޭސީންނެވެ. އަދި މިހާތަނަށް ކުޅުދުއްފުށީ ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި 154 މީހުން ފާހަގަވެފައިވާކަމަށެވެ. އަދި ދިއްދޫއިން 47 ކޮންޓެކްޓުން ވަނީ ފާހަގަވެފައެވެ.