ދުނިޔޭގެ ވިޔަފާރި

ޔޫއޭއީގެ ގިނަ ކުންފުނިތަކަކުން މުވައްޒަފުން މަދުކުރަނީ


ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ދަތިކަމާއެކު ޔޫއޭއީގެ 30 އިންސަތަ ކުންފުނިން މުވައްޒަފުން މަދުކުރާނެކަމަށް ސަރވޭއަކުން ދައްކައިފިއެވެ.

ޔޫއޭއީގެ މަރސާ ކޮންސަލްޓެންސީން ކޮންމެ އަހަރަކުވެސް ހަދާ އިޤްތިޞާދީ ސަރވޭއިން ދައްކާގޮތުން ކޯވިޑްގެ ސަބަބުން ދިމާވި ދަތި ޙާލަތުގެ ސަބަބުން 20 އިންސައްތަ ކުންފުނިން ވަނީ މުވައްޒަފުންގެ މުސާރަ ހިފަހައްޓާފައެވެ. އަދި 17 އިންސައްތަ ކުންފުނިން މިއަހަރުގެ މުއައްޒަފުންގެ މުސާރަ ދިނުން ވަނީ ލަސްކޮށްފައެވެ. މީގެ ތެރެއިން ގިނަ ކުންފުނިތަކަކުން މުސާރަ ލަސްކޮށްފައިވަނީ 6 މަހަށްވުރެ އިތުރު މުއްދަކަށެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ދަތިކަމާއެކު ޔޫއޭއީގެ 30 އިންސަތަ ކުންފުނިން މުވައްޒަފުން މަދުކުރާނެކަމަށް ސަރވޭއިން ދައްކާއިރު، މި ކުންފުނިތަކުން މުވައްޒަފުންގެ 10 އިންސައްތަ މަދުކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން މިއަހަރުގެ ޑިސެމްބަރު އަދި އަންނަ އަހަރުގެ ޖެނުއަރީމަހު ރީޓެއިލް ވިޔަފާރި ރަނގަޅު ނުވެއްޖެނަމަ މި ޙާލަތު އިތުރަށް ގޯސްވާނެކަމަށް މި ސަރވޭއިން ދައްކައެވެ.

މި ސަރވޭއިން ވަނީ ޔޫއޭއީގެ ކުދި ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކެއް މިޙާލަތުގެ ސަބަބުން ބަނގުރޫޓުވެފައިވާކަމަށް ހާމަކޮށްފައެވެ. މި ހާލަތުގެ އަސަރު ބޮޑެތި ކުންފުނިތަކަށްވެސް ކޮށްފައިވާއިރު ބޮޑެތި ކުންފުނިތަކަށް ލިބުނު ގެއްލުން ފޫނުބެއްދި މުސާރަ ހިފެހެއްޓުމާއި މުވައްޒަފުން ވަޒީފާއިން ދަނީ ކަނޑަމުންނެވެ. އެގޮތުން ބޮޑެތި ހުރިހާ ކުންފުނިތަކުންވެސް ވަކި މުއްދަތެއް ނެތް ގޮތަށް މުވައްޒަފުންގެ މުސާރަ 30 އިންސައްތައާއި 50 އިންސައްތައާއި ދެމެދުގެ އަދަދަކުން ވަނީ މުސާރަ ކުޑަކޮށްފައެވެ.

މި ސަރވޭއިން ދައްކާގޮތުން ކޯވިޑްގެ ޙާލަތުގެ ދަތިކަން 2021 ވަނަ އަހަރުވެސް ޔޫއޭއީގެ ކުންފުނިތަކަށް ތަޙައްމަލުކުރަން ޖެހޭނެއެވެ. މި ސަބަބަށްޓަކައި ކުންފުނިތަކުގެ ވިޔަފާރިކުރުމުގެ ސްޓްރެޓެޖީ ބަދަލުކޮށް، ކުޑަ މުސާރައެއްގައި މުވައްޒަފުން ނެގުމަށް ވަނީ މަޖުބޫރުވެފައެވެ. އެގޮތުން ގިނަ މުޢާމަލާތްތައް އޮންލައިންކޮށް ކުރެވޭނެ ގޮތް ހެދުމާއި، އޮންލައިން ޝޮޕިންއާއި ދިމާލަށް އަންނަ އަހަރުގެ ވިޔަފާރިތައް ދާނެކަމަށް މަރސާ ކޮންސަލްޓެންސީގެ ސަރވޭއިން ދައްކައެވެ. މި އުސޫލާއި އެއްގޮތަށް އަމަލުކުރުމުން ކޮންސިއުމަރ ގުޑްސްގެ ވިޔަފާރި އަންނަ އަހަރުގެ ތެރޭގައި 3.8 އިންސައްތައިން ކުރިއަރާނެކަމަށް ސަރވޭއިން ދައްކައެވެ.