ޚަބަރު

ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަނެއް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅުއްވާ!


ކުޅުދުއްފުށީގައި ކޯވިޑް-19ގެ ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާ ކަމަށް ބެލެވޭކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗްއީއޯސީ އިން ހާމަކުރައްވައިފިއެވެ.

ކުޅުދުއްފުށިން މިމަހު ފެނިފައިވާ ޕޮލިސް ކްލަސްޓަރ އާއި ގުޅޭ 4 މީހަކު ރޭ ޕޮޒިޒޓިވްވުމާއި ގުޅިގެން އެރަށްވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. އެޗްއީއޯސީން ވިދާޅުވީ، ކުޅުދުއްފުށިން އިތުރު ބަޔަކު ޕޮޒިޓިވްވުމާއިި ގުޅިގެން އެރަށުގައި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަމުންދާކަމަށާއި، އެކަމަށްޓަކައި އެކުލަވާލާފައިވާ ޓާސްކު ފޯހާއި އެޗްޕީއޭގެ ޓެކްނިކަލް ޓީމާއެކު މަޝްވަރާތައް ކުރެވި ޢަމަލުކުރަންވީ އިރުޝާދުތައް ދީފައިވާކަމަށެވެ.

ކުޅުދުއްފުށީގައި ކޯވިޑް-19 ރޯގާގެ ބިރުވެރިކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތައް އެޅުމަށާއި ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދަށް ފުރިހަމައަށް ބޯލެނބުމަށް އެންމެހާ ރައްޔިތުންނަށް ކުޅުދުއްފުށީ ކައުންސިލުންވަނީ އިލްތިމާސް ކޮށްފައެވެ.

މިގޮތުން ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނަނަމަ މާސްކު އަޅައި ގައިދުރުކަން ބެހެއްޓުމަށާއި، މިސްކިތަށް ދިއުމުގައި އިސްލާމިކް މިނިސްޓްރީގެ އެންގުންތަކަށް ބޯލެނބުމުގެ ގޮތުން، މާސްކު އެޅުމާއި، މުސައްލައެއް ހިފައިގެން މިސްކިތަށް ދިއުމަށާއި، ގެއިން ވުޟޫ ކޮށްގެން ދިއުމާއި، ކުޑަކުދިންނާއި މުސްކުޅިން ޖަމާއަތުގައި ބައިވެރި ނުވުމާއި، ބަލީގެ އަލާމާތެއް ހުރިނަމަ ޖަމާއަތަށް ނުދިއުމަށާއި، ވިޔަފާރި ކުރުމަށް ފިހާރަތަކަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް މުދަލަށް އޯޑަރު ކުރުމަށާއި އަދި އާންމު ސާފުތާހިރުކަމަށް ސަމާލުވުމާއި ގިނަ ގިނައިން އަތްދޮވުމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ އެދިފައެވެ.

އެޗްޕީއޭގެ ޚާއްސަ ހުއްދައިގެ ދަށުން އުތުރަށް ދަތުރުކުރި ފުލުހުންތަކަކާއި ކޮންޓެކްޓްވެ އުފެދުނު އުތުރު ޕޮލިސް ކްލަސްޓާއާއި ގުޅިގެން ފުރަތަމަ ޕޮޒިޓިވްވީ ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހެކެވެ. މިމަހުގެ 5 ވަނަ ދުވަހު އޭނާ ޕޮޒިޓިވް ވުމާއި ގުޅިގެން އެ ސިޓީ ހިމެނޭހެން، އެ ފުލުސްމީހާ ދަތުރުކުރި 6 ރަށެއް މޮނިޓަރިންގ ހާލަތަށް ވެސް ގެނައެވެ. ޖެހިގެންއައި ދުވަހު އެރަށްތައް ވަނީ މޮނިޓަރިން ހާލަތުން ނަގާފައެވެ.

އުތުރު ޕޮލިސް ކްލަސްޓާއާއި ގުޅިގެން ކުޅުދުއްފުށީ ސިޓީއިން ޕޮޒިޓިވްވި މީހުންގެ އިތުރުން ހއ. ދިއްދޫން 3 މީހުންނާއި، ށ. ފޯކައިދޫން މީހަކާއި އަދި ހދ. ކުރިނބީން ވެސް މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޅުދުއްފުށިން މިވަގުތު ކޯވިޑްގެ-19 އެކްޓިވް 7 ކޭސް ވަނީ ފެނިފައެވެ. އެއީ 4 ދިވެހިންނާއި 3 ބިދޭސީންނެވެ.

ކޯވިޑް-19ގެ ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާ ކަމަށް ބެލެވޭތީ ކުޅުދުއްފުށީ ސްކޫލްގެ ކިޔެވުންވަނީ ހަފްތާއަކަށް މެދުކަނޑާލާފައެވެ. ނަމަވެސް ގްރޭޑް 10 އާއި ގްރޭޑް 12އިގެ ދަރިވަރުންގެ އިމްތިހާންތައް ކުރިއަށްދާނެ ކަމަށް އެސްކޫލުން މަޢުލޫމާތުދީފައިވެއެވެ.

ކުޅުދުއްފުށީގައި ކޯވިޑް-19ގެ ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިކަމަށް ބެލެވޭކަމަށް އެޗްއީއޯސީ ބުނެފައިވާއިރު، އެރަށަކީ އުތުރުގެ ތިން އަތޮޅުގެ ރަށްތިޔުން ގިނަ ޚިދުމަތްތަކަކަށް ބަރޯސާވެފައިވާ ރަށެއްކަން ފާހަގަކޮށްލެވެއެވެ.