ތަރައްްޤީ

ނޮޅިވަރަންފަރަށް ހިޖުރަކުރި އާއިލާތަކުގެ ހުވަފެން ހަގީގަތަކަށް


ހދ. ނޮޅިވަރަންފަރަކީ އުތުރުގެ ރަށްތަކުގެ ތެރެއިން ބިމުގެ ގޮތުން ތަނަވަސް، ބޮޑު ރަށެކެވެ. ގާތްގަނޑަކަށް ދެހާހާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭ މި ރަށުގެ އާބާދީގެ ބޮޑު ބައެއް އާމްދަނީ ހޯދުމަށް ކޮށް އުޅޭ މަސައްކަތަކީ ދަނޑުވެރިކަމެވެ.

އެއްފަސްކުރުމުގެ މަޝްރޫޢުގެ ދަށުން ހދ. މާވައިދޫ، ފަރިދޫ، އަދި ކުނބުރުދޫގެ ރައްޔިތުން 2011 ވަނަ އަހަރު ވަނީ ނޮޅިވަރަންފަރުގައި ވަޒަންވެރިކޮށްފައެވެ. ބިމުގެ ބޮޑު މިނުގައި 171.2 ހެކްޓަރު ހުންނަ މިރަށުގައި މީހުން ދިރިއުޅޭ 280 ގޯތި މިހާރުވެސް އެބަހުއްޓެވެ. ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްފަދައިން ބޯހިޔާވަހިކަމުގެ މައްސަލައަކީ ނޮޅިވަރަންފަރަށް ކޮންމެވެސް ވަރަކަށް ދިމާވެފައިވާ މައްސަލައެކެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހދ. ނޮޅިވަރަންފަރުގައި 160 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ސަރުކާރުން ވަނީ ޕްލޭންކޮށްފައެވެ. އަދި އޭގެ ތެރެއިން 60 ހައުސިންގ ޔުނިޓެއްގެ ޢަމަލީ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިންގް އާއި މާރިސް ކޮންސްޓްރަކްޝަނާއެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 24 މެއި 2019 ގައެވެ.

ނޮޅިވަރަންފަރުގައި އަމަލީ މަސައްކަތް ކުރިއަށްދާ 60 ހައުސިންގ ޔުނިޓްގެ ތެރެއިން 52 ހައުސިންގ ޔުނިޓް ޚާއްސަކޮށްފައިވަނީ އެރަށަށް ހިޖުރަކުރި އާއިލާތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ފޯރުކޮށްނުދެވިތިބި 52 ދެ އާއިލާއަށެވެ. އަދި ބާކީ 8 ހައުސިންގ ޔުނިޓް އާއްމު އުޞޫލުން ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް އަޙްމަދު ވަޙީދު ވިދާޅުވީ، އެ ރަށުން ގޯތި ދޫނުކުރާތާ މިހާރު ގާތްގަނޑަކަށް 5 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ. އަދި ރަށުގެ އާބާދީ އިތުރުވަމުންދާ މިންވަރަކުން ބޯހިޔާވަހިކަމަށް އޮންނަ ޑިމާންޑްވެސް އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ވަޙީދު ވިދާޅުވީ، މި 60 ހައުސިންގ ޔުނިޓާއެކު އެ ރަށަށް ހިޖުރަކުރި އާއިލާތަކަށް ދާއިމީ ބޯހިޔާވަހިކަމެއް ލިބިގެންދިޔުމަކީ އެފަރާތްތަކުގެ ދިރިއުޅުމަށް ލުއިފަސޭހަކަން ގެނުވާނެކަމެއްކަމަށެވެ.

ވަހީދު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނީ ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް ބާކީ ހުރި 100 ހައުސިންގ ޔުނިޓުގެ މަސައްކަތްވެސް ފެށިގެންކަމަށެވެ. އަދި އެ 100 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށޭވަރުވާނެކަމަށް މިނިސްޓްރީން ކައުންސިލަށް އަންގާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަށުގެ ރައްޔިތުން މިހާރު ކުރާ އެންމެ ބޮޑު އުއްމީދަކީވެސް އެ މަޝްރޫޢު ހަޤީޤަތަކަށްވުންކަމަށް ކައުންސިލުގެ ރައީސް ވަޙީދު ވިދާޅުވިއެވެ.

"އަސްލު ބޮޑު އުއްމީދެއް މިކުރަނީ 100 ސަތޭކަ ހައުސިންގ ޔުނިޓަށް. އެތަންތަން ނިމިގެން އަންނައިރުގައި އެބަ ފުރުޞަތު ލިބޭ ރަށުން ބޭރުން ގެ ގަންނަން ބޭނުންވާ މީހާއަށްވެސް އައިސް ރަށުގައި ދިރިއުޅުމަށް. އާބާދީ އިތުރުކުރުމަކީ ރަށަށް އެކިގޮތްގޮތުން ކުރިއެރުން ލިބޭނެ ކަމެއްގެ ގޮތުގައި ދެކެނީ" ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް ވަޙީދު ވިދާޅުވިއެވެ.

ނޮޅިވަރަންފަރުގައި މިހާރު އިމާރާތްކުރަމުންދާ 60 ހައުސިންގ ޔުނިޓްގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ހިސާބަށްބަލާއިރު، 30 ގެއެއްގެ ސިވިލް މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ.

މި ހައުސިންގ ޔުނިޓްތަކަށް ބޭނުންވާ ފެނާއި، ކަރަންޓާއި ނަރުދަމާ ނިޒާމް ގުޅާލުމުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ހައުސިންގ ޔުނިޓްތަކުގައި ދޮރުހަރުކުރުމާއި ކުލަލުމާއި މުށި ޖެހުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއީ ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 22.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ނޮޅިވަރަންފަރަށް ހިޖުރަކުރި އާއިލާތަކުގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްނުދެވިތިބި އާއިލާތަކަށް ޚާއްސަކޮށްގެން ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މި ޢާއިލާތައް އެރަށަށް 2011 ވަނަ އަހަރު ބަދަލުކުރި މުއްދަތުން ފެށިގެން، މިއަހަރާއި ހަމައަށްވާ މުއްދަތަށް ބަދަލު ފައިސާގެ ގޮތުގައި ފައިސާ ދޭން ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން މަހަކު 3000 ރުފިޔާގެ މަގުން ސަރުކާރުން އަންނަނީ އެ އާއިލާތަކަށް ފައިސާދެމުންނެވެ.