ހދ. ހަނިމާދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ މަސައްކަތްތައް އަންނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ، އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.
ހަނިމާދޫ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢު އެންމެ ފުރަތަމަ ފަށާފައިވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެ މަސައްކަތް އެންމެ އެދެވޭގޮތެއްގައި ކުރިއަށްގޮސްފައިނުވާތީ، މަގު ހެދުމުގެ މަޝްރޫޢު ސަރުކާރުން އަލުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 22 މެއި 2019 ގައެވެ. އަދި އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް 15 ޖޫން 2019 ގައި އެކުންފުނިން ވަނީ ފަށާފައެވެ.
މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އެމް.ޓީ.ސީ.ސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ހޮޅިވަޅުލުމުގެ މަސައްކަތުގެ %62 މިހާރު ނިމިފައިވާކަމަށެވެ. އަދި މަގުތައް ހެދުމުގެ މުޅި މަޝްރޫޢުގެ %67 މަސައްކަތް ނިމިފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ. މި މަޝްރޫޢުގެ މަސައްކަތް މިހާރު ކުރިއަށްދާގޮތަށް ބަލާނަމަ މުޅި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށްކަމަށްވެސް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ދަށުން ހަނިމާދޫގެ 18 މަގެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމަަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ވެހިކަލްތައް ދުއްވުމަށް ހާއްސަކޮށްގެން 38،916 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅާ، ހިނގާމީހުންނަށް 16،518 އަކަ މީޓަރުގެ ޕޭވްމަންޓް ހަދާނެއެވެ. އަދި މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ޤާއިމުކޮށް، ފެނާއި ނަރުދަމާއާއި، މުވާސަލާތީ ޚިދުމަތްތަކަށް ބޭނުންވާ ކޭބަލް ޖަންކްޝަންތައް ޤާއިމުކުރާނެއެވެ. މީގެ އިތުރުން، މަގުބައްތި ހަރުކުރުމާއި، 19،679 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޓްރެފިކް ނިޝާންތައް ކުރެހުމާއި، ޓްރެފިކް ނިޝާން ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
46.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހދ. ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ކުރަމުންދާއިރު، އެރަށު ބަނދަރު ބޮޑުކުރުމުގެ މަސައްކަތްވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ. ހަނިމާދޫއަކީ އާބާދީގައި ގާތްގަނޑަކަށް 2100 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.