ކޯވިޑް-19

ކޯވިޑް-19 : އެންޓިޖެން ޓެސްޓް ހެދޭނީ ބަލީގެ އަލާމާތްތައް ފެންނަ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި - އެޗް.ޕީ.އޭ


އެންޓިޖެން ޓެސްޓް ހެދޭނީ ބަލީގެ އަލާމާތްތައް ފެންނަ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައިކަމަށް ކަނޑައަޅާ، ކޯވިޑް-19ގެ ހާލަތުގައި ރެޕިޑް އެންޓިޖެން ޓެސްޓު ހެދުމުގައި ޢަމަލުކުރަންޖެހޭ އުޞޫލު ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އާއްމުކުރައްވައިފެވެ.

ރެޕިޑް އެންޓިޖެން ޓެސްޓުގެ ނަތީޖާ ބޭނުން ހިފޭގޮތަށް މައިގަނޑުގޮތެއްގައި ބިނާވެފައި އޮންނާނީ ހަށިގަނޑުގައި ވައިރަސްހުރި ޙާލަތުގެ މައްޗަށެވެ. ސާސް ކޯވިޑް-2 ރެޕިޑް އެންޓިޖެން ޓެސްޓްގެ ނަތީޖާގެ އިތުބާރު ބޮޑުވާނީ ނުވަތަ ރަނގަޅު ނަތީޖާ ދައްކާނީ ވައިރަސްގެ ސަބަބުން ހަށިގަނޑުގައި އިންފެކްޝަން ބޮޑަށް ހުއްޓާ ޓެސްޓް ހެދުމުންކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އެންޓިޖެން ޓެސްޓު ހެދުމުގައި ޢަމަލުކުރަންޖެހޭ އުޞޫލު ތައްޔާރުކޮށްފައިވަނީ އެންޓިޖެން ޓެސްޓް ހެދުމާ ގުޅޭ އެންމެފަހުގެ މަޢުލޫމާތުތަކަށް ބިނާކޮށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ނެރެފައިވާ ލަފަޔަށް ބިނާކޮށްކަމަށް އެ އެޖެންސީން ވިދާޅުވެފައިވެއެވެ.

އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އުޞޫލުގައިވާގޮތުން އެންޓިޖެން ޓެސްޓް ކުރަންވާނީ ކޯވިޑް-19 ފެތުރެމުންދާ ރަށެއްގައި ނުވަތަ ތަނެއްގައި ކޯވިޑް-19ގެ އަލާމާތްތައް ފެންނަ ބަލިމީހުން، ބަލީގެ އަލާމާތް ފެންނަ ދުވަހުން ފެށިގެން ފުރަތަމަ 7 ދުވަހުގެ ތެރޭގައި ކޯވިޑް-19 އަށް ޓެސްޓްކުރުމަށެވެ. މިފަދަ ޙާލަތުގައި ޓެސްޓްކޮށް ނަތީޖާ ޕޮޒިޓިވްވެއްޖެނަމަ، މިއީ ރަނގަޅު ނަތީޖާކަމުގައި ބަލައި، ކޯވިޑް-19 އަށް ފަރުވާ ކުރުމާއި ޕޮޒިޓިވްވުމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. ނަމަވެސް ޓެސްޓްކުރެވުނީ ބަލީގެ އަލާމާތްތައް ފެށުނުތާ 5 ދުވަސް ފަހުންނަމަ ނަތީޖާ ނެގެޓިވްވިކަމުގައިވާނަމަ ޕީ.ސީ.އާރް ޓެސްޓް ހަދައި ނަތީޖާ ކަށަވަރުކުރަންވާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

މި ޓެސްޓްކުރަންވާނީ ހެލްތް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޞިއްޙީ ޙިދުމަތްދޭ ތަނެއްގައި ތަމްރީނުވެފައިވާ ޞިއްޙީ ޚިދުމަޔްތެރިން އިންފެކްޝަން ކޮންޓްރޯލް އެންޑް ޕްރިވެންޝަނަށް ބޭނުންވާ ފިޔަވަޅުތައް އަޅައިގެންކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި ޓެސްޓުގެ ސެންސިޓިވިޓީ 90 އިންސައްތައަށްވުރެ މަތިވުން އަދި ސްޕެސިފިޓީ 97 އިންސައްތައަށްވުރެ މަތިވާންޖެހޭނެކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.

ކޯވިޑް-19 ފެތުރެމުންދާ ރަށެއްގައި ނުވަތަ ތަނެއްގައި މި ޓެސްޓް ބޭނުންކުރަންވާނީ އެތަނެއްގައި ހުންނަ ޞިއްޙީ ޚިދުމަތްދޭ ތަނަށް އަންނަ ކޯވިޑް-19ގެ އަލާމާތްތައް ފެންނަ ބަލިމީހުން ޓެސްޓްކުރުމަށްކަން އެ އެޖެންސީން ވަނީ ފާހަގަކުރައްވާފައެވެ. މީގެ ތެރޭގައި ފްލޫ ކްލިނިކަށާއި، ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒަށް ދައްކާ ބަލި މީހުން ހިމެނެއެވެ. ޞިއްޙީ ޚިދުމަތްދޭ މިފަދަ ތަނަކީ އެންޓިޖެން ޓެސްޓް ހަދަން ހެލްތް މިނިސްތްރީން ހުއްދަ ލިބިފައިވާތަނެއްކަމުގައިވާނަމަ މި ޓެސްޓް ބޭނުންކޮށްގެން ޓެސްޓް ހެދުމަށް އިތުރު ހުއްދައެއް ބޭނުމެއްނުވާނެއެވެ.

ގިނަމީހުން އެއްކޮށް އުޅޭ މާހައުލުތަކުގައި ބަލި އުޅޭކަމަށް ބެލެވިގެން ބަލި އަވަހަށް ދެނެގަންނަން ޖެހިފައިވާނަމަ އަދި މުޖުތަމަޢުގައި ބަލި ފެތުރެމުންދާ ޙާލަތުގައި މުހިއްމު ބައެއް ފަރާތްތަކުގެ މެދުގައި ބަލިފެތުރިފައިވާ މިންވަރު އަވަހަށް ދެނެގަނެ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ޙާލަތުގައި މި ޓެސްޓް ބޭނުންކުރެވޭނެއެވެ. އަދި މިފަދަ ހާލަތްތަކުގައި އެންޓިޖެން ޓެސްޓް ބޭނުންކޮށްގެން ޓެސްޓްކުރުމުގެ ކަންތައްތައް ހަމަޖައްސާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީންނެވެ.

އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އުޞޫލުގައި އެންޓިޖެން ޓެސްޓް ކޮށްގެން ނުވާނެ ޙާލަތްތައްވެސް ވަނީ ބަޔާންކޮށްފައެެވެ. އެގޮތުން ބަލީގެ އަލާމާތް ނުފެންނަ މީހަކަށް ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ކޮންޓެކްޓަކަށް ނުވާކަން ކަށަވަރުވާ މީހަކަށާއި، ބަލި އުޅޭކަން ނޭނގޭ ނުވަތަ ބަލި މަދުމަދުން ފެންނަ ޙާލަތުގައި ބަލިދެނެގަނެ ފަރުވާ ދިނުމުގެ ބޭނުމުގައި މި ޓެސްޓްކޮށްގެން ނުވާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި ޓެސްޓްކުރާތަނުގައި އެންމެ އެކަށީގެންވާ ބަޔޯ ސޭފްޓީ އަދި އިންފެކްޝަން ޕްރިވެންޝަން ކޮންޓޯލު ފިޔަވަޅުތައް ނެތްނަމަވެސް މި ޓެސްޓް ކޮށްގެން ނުވާނެކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

މީގެ އިތުރުން މީހުން އެތެރެވާ ބަދަރުތަކުގައި ބޯރޑަރ ސްކްރީނިންގގެ ބޭނުމުގައި އަދި ލޭ ހަދިޔާކުރުމުގެ ކުރިން ބައްޔަށް ސްކްރީންކުރުމުގެ ބޭނުމުގައިވެސް އެންޓިޖެން ޓެސްޓް ކޮށްގެން ނުވާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.