ޚަބަރު

ބ.އަތޮޅުގެ ދެ ރިސޯޓަކުން ދަރަވަންދޫގައި ޕީ.ސީ.އާރު މެޝިނެއް ބަހައްޓައި ދެނީ


ބ.އަތޮޅުގެ ދެ ރިސޯޓަކުން އެއަތޮޅު ދަރަވަންދޫގައި ކޯވިޑް-19އަށް ޓެސްޓް ކުރުމަށް، ޕީ.ސީ.އާރު މެޝިނެއް ބަހައްޓައިދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މެޝިން ހަދިޔާ ކުރަނީ މިލައިދޫ ރިސޯޓާ، ނޯޓިލަސް މޯލްޑިވްސް މި ދެރިސޯޓުން ގުޅިގެންނެވެ.
މި މެޝިން މިހާރު ހުރީ ނޯޓިލަސް މޯލްޑިވްސްގައެވެ. މި މެޝިން އިންސްޓޯލް ކުރުމުގެ މަސައްކަތް މި ހަފްތާތެރޭގައި ފެށޭވަރުވާނެކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސާވިސް މުޙައްމަދު ރަޝީދު ވިދާޅުވީ، ދަރަވަންދޫގައި އެ މެޝިން ބެހެއްޓުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ. އެގޮތުން އެރަށު ހެލްތް ސެންޓަރުގައި އެކަމަށް ޚާއްސަކޮށް 28 ދުވަހުގެތެރޭގައި ލެބޯޓަރީއެއް ހަދައި ވަނީ ނިންމާފައެވެ. އަދި އެތަނަށް ބޭނުންވާ އެހެން ހުރިހާއެއްޗެއްވެސް މިހާރު ވަނީ ހަމަކޮށްފައެވެ.


ދަރަވަންދޫގައި ކޯވިޑް 19 އަށް ޓެސްޓް ކުރާ މެޝިނެއް ބަހައްޓަން ނިންމީ، އެ ރަށަކީ އެއަރޕޯޓެއް އޮންނަ ރަށަކަށްވުމުން، ފަތުރުވެރިންގެ ސާމްޕަލް ޓެސްޓްތައް ހެދުމަށް ފަސޭހަވާނެތީކަމަށް މި ދެރިސޯޓުން ބުނެއެވެ.

މި މެޝިނުން ދުވާލަކު 90 ސާމްޕަލް ޓެސްޓްކުރެވޭނެ ކަމަށާ، ޓެސްޓް ހެދުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއްގެ އިތުރުން މުވައްޒަފުންވެސް މިހާރުވަނީ ތަމްރީނުކޮށް ނިންމާފައެވެ.

މި ޙިދުމަތް ދަރަވަންދޫގައި ދޭއިރު ޓެސްޓް ހެދުމުގައި އަމަލު ކުރާނީ އެޗްޕީއޭގެ ގައިޑް ލައިނާއެއް ގޮތަށެވެ. ޕީސީއާރު މެޝިން ދަރަވަންދޫ ހެލްތް ސެންޓަރުގައި ބެހެއްޓުމުގެ މަސައްކަތަށް ދަރަވަންދޫ ކައުންސިލުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ޕީސީއާރް މެޝިން ހަދިޔާ ކުރާ ދެ ރިޒޯޓުން ވަނީ ޝުކުރު އަދާކޮށްފައެވެ.