ބ. ފެހެންދޫ ދަރިވަރުން ކަނޑު ހުރަސް ކޮށް ކުރާ ސްކޫލްދަތުރާ މެދު ގޮތް ހުސްވެއްޖެއެވެ. ގޮއިދޫ ސްކޫލުން ބުނީ ކަނޑުމަގުން ކުޑަ ޑިންގީއެއްގައި ފެހެންދޫގެ ދަރިވަރުން ކުރަމުންދާ މިދަތުރުތަކުގައި އިއްޔެއަކީ ޑިންގީގެ ދަރު ހުއްޓުމަކަށް އައި ދުވަހެއްކަމުގައެވެ. އެއީ 18 ފޫޓުގެ އެޑީންގީގެ އިންޖީނު ހުއްޓިގެން ކަމަށާއި، ދަރިވަރުން ގޮއިދުއަށް ދާން އިއްޔެ ކުއްލި ގޮތަކަށް ބޭނުންކުރަން ޖެހުނީ މިކަމަށް އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާާ ޚާއްޞަ ފެރީލޯންޗް ކަމަށެވެ. ނަމަވެސް ފެހެންދޫއަށް އެލޯނޗަށް ވަދެ ނުކުމެވޭނެ ގޮތެއްނެތުމުން، މިލޯންޗް، ދާއިމީކޮށް ބޭނުންކުރެވެން ނެތްކަމަށް ގޮއިދޫ ސްކޫލް ޕްރިންސިޕަލް މުޙައްމަދު ނިޒާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިންޑިޔާއިން ހަދިޔާ ކުރި ފެރީ އިއްޔެ ބޭނުންކުރީ، ގޮތްހުސްވެގެންކަމަށެވެ.
ޕްރިސިޕަލް ވިދާޅުވީ ދިޔަވަރަށް ބަލާފައި އެންމެ ބޮޑު ދިޔައިގައިވެސް ފެހެންދޫ ޖެޓީއަށް ލޯންޗް ކައިރިކުރުމުގައި ދަތިތަކެއް އެބަހުރިކަމަށާ، މާދަމާ ހެނދުނު އޮންނާނީ ދިޔަވަރު ހިކިފައި ކަމަށްވުމުން ފެހެންދޫއަށް ފެރީ ލޯންޗް ކައިރި ނުކުރެވޭނެކަމަށެވެ.
"މާދަމާ ހެނދުނު އޮންނާނީ ހިކިދިޔަ އެހެން ވީމާ ފެހެންދޫ ފާލަމަށް އެހާ ބޮޑު ލޯންޗެއް ކައިރި ކުރަން އުނދަގޫވާނެ. އެހެން ވީމާ މިބަލަނީ މާދަމާ ކުދިން ގެންނާނެގޮތެއް" ނިޒާމް ވިދާޅުވިއެވެ.
އިންޑިޔާއިން ފެހެންދޫ ދަރިވަރުންގެ ސްކޫލް ދަތުރަށް މިދިޔަ ޖުލައިމަހު ލޯންޗް ހަދިޔާ ކުރި ފަހުންވެސް މިފެރީގެ ބޭނުން ހިފޭ ގޮތްނުވެއެވެ. އެއީ ފެހެންދޫގެ ފަޅު ތިލަކަމުން މިލޯނޗަށް ފަޅަށް ވަދެވޭ ގޮތްނުވާތީއެވެ. ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ ފެހެންދޫ ފާލަމާ ދިމާއިން 30 ފޫޓާ 50 ފޫޓްގެ ސަރަހައްދެއް ފުންކޮށް ދިނުމަށް، ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމުގައެވެ. އަދި މިހާތަނަށް މިކަމަށް ހައްލެއްނުލިބި އޮތުމުން އެކަމުގެ ކަންބޮޑުވުން، ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް ފާޅު ކުރެއްވިއެވެ.
ބ.އަތޮޅު ފެހެންދޫއާއި ގޮއިދޫއަކީ އެއް ފަޅެއްގައި އޮންނަ ދެރަށެވެ. ފެހެންދޫ ސްކޫލު ބަންދުކުރި ފަހުން އެތައް އަހަރެއް ވެފައިވާއިރު އެރަށު ކުދިން މިހާރުވެސް ސްކޫލަށް ދަނީ ޑިންގީއެއްގައި ވިއްސަކަށް މިނެޓުގެ ދަތުރެއް ކުރުމަށްފަހުއެވެ. މިމައްސަލަ ޙައްލުކޮށްދެއްވުމަށް ސަރުކާރުން ފެއްޓެވި މަސައްކަތުގެ ދަށުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ބަނދެފައިވާ ސްޓޫޑެންޓް ފެރީއަކީ އެންމެ ފަހުގެ ޒަމާނީ ފެންވަރަށް ބަންދެފައިވާ 30 މީހުންގެ ޖާގައިގެ ލޯންޗެކެވެ.
ޑިންގީގެ އިންޖީނު ހުއްޓުމާ ގުޅިގެން ފެހެންދޫ ސްކޫލް ދަރިވަރުން ސްކޫލަށް ގެންދިޔުމަށް އިތުރު ޑިންގީއެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ގޮއިދޫ ސްކޫލުން ބުނެއެވެ.