ތަޢުލީމު

މި ޙާލަތުގައި މުދައްރިސުންވަމުންދާ ޤުރުބާނީއަކީ މުޅި ޤައުމު ފަޚުރުވެރިވާކަމެއް - ރައީސުލްޖުމްހޫރިއްޔާ


ކޯވިޑް-19ގެ މި ބަލިމަޑުކަމުގެ ތެރޭގައި މުދައްރިސުންވަމުންދާ ޤުރުބާނީއަކީ މުޅި ޤައުމު ފަޚުރުވެރިވާކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، މުދައްރިސުންގެ އަގުވަޒަންކުރައްވާ ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މުދައްރިސުން އަދާކުރައްވަނީ ވަޒީފާއެއްކަމަށްވިޔަސް ހަޤީޤަތުގައި މުދައްރިސުންގެ މަސައްކަތަކީ ޤައުމުގެ ހައްޤުގައި ކުރައްވާ ވަރަށް އަގުހުރި އިންސާނީ ޚިދުމަތެއްކަމަށެވެ. އަދި ރަނގަޅު ޢިލްމާއި، ހެޔޮ ތަރުބިއްޔަތާއި، ރިވެތި އަޙްލާޤުގެމަތީގައި އަޅުގަނޑުމެންގެ ދަރިންގެ ކުރިމަގު ބިނާކޮށްދިނުމުގައި މުދައްރިސުންގެ ދައުރު ބޮޑުކަމަށެވެ. ކޯވިޑް-19ގެ މި ޙާލަތުގައި މުދައްރިސުންވަމުންދާ ޤުރުބާނީއަކީ މުޅި ޤައުމު ފަޚުރުވެރިވާފަދަކަމެއްކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

"ޤައުމު ބިނާވެގެންދަނީ މުދައްރިސުން އަޅުއްވާދެއްވާ ބިންގަލުގެ މަތީގައި. ކޯވިޑް-19ގެ ނުރައްކަލުގެ ތެރޭގައިވެސް ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދިއުމުގައި މުދައްރިސުން ވެވަޑައިގަންނަވަމުން އެގެންދަވަނީ މުޅި ޤައުމު ފަޚުރުވެރިވާފަދަ މަތިވެރި ޤުރުބާނީއެއް. އެކަމަށްޓަކާ ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި ތިޔަ ބޭފުޅުންނަށް ޝުކުރު ދަންނަވަން" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

މުދައްރިސުންގެ ދުވަހާގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ވަނީ ޚާއްސަ ވީޑިއޯ މެސެޖެއްދެއްވާފައެވެ. އެކަމަނާއަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތްކުރައްވާ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ މެސެޖުގައި މިއަދަކީ ކޯވިޑް-19ގެ މި ޙާލަތުގައި އުނގަންނައިދިނުމުގެ ކަންކަން ނުހުއްޓި، މުޢާލާތް ނުކެނޑި ކުރިއަށްގެންދިއުމަށް މަސައްކަތް ކުރާ "އަން-ސަންގް ހީރޯޒް"ގެ ދުވަހުގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. އަދި މުދައްރިސުން މި ޙާލަތުގައި ދައްކަމުންދާ ނަމޫނާ އެގޮތުގައި ކުރިއަށްއޮތްތަނުގައިވެސް ދެއްކެވުމަށް އެކަމަނާވަނީ އެދިވަޑައިގެންފައެވެ.

"ގޭގައި ތިއްބަވައިގެން ދަރިވަރުންނަށް ބޭނުންވާ މަސައްކަތްތައް އަމިއްލައަށް ތައްޔާރުކޮށްދެއްވާ، އެބޭފުޅުން އަމިއްލައަށް އެ ޓެކްނޮލޮޖީ ދަސްކުރައްވައިގެން ފިލާވަޅުތައް ހުށަހަޅުއްވަމުން ގެންދެވިކަން އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން. އަދި ހަމައެކަނި އެބޭފުޅުން ހުށަހެޅުއްވީ ފިލާވަޅުތަކެއް އެކަންޏެއްނޫން. ކުދިންގެ ހާލުބަލަން ގުޅުއްވާ، އަދި ނުވިތާކަށް، އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންގެ ހާލު ބަލަންވެސް ޓީޗަރުން ގުޅުއްވާ ހެއްދެވިކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. މިކަމަށްޓަކާ އަދިވެސް އެއްފަހަރު ހުރިހާ ޓީޗަރުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރުދަންނަވަން. އަޅުގަނޑުގެ އެދުމަކީ ތިބޭފުޅުން ތި ފެއްޓެވި މަސައްކަތް މެދުކަނޑާނުލައްވާ މިއަށްވުރެއްވެސް ފުރިހަމަކޮށް ކުރިއަށްގެންދެވުން" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވިއެވެ.

މުދައްރިސުންގެ ދުވަހާގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެއްވި ވީޑިއޯ މެސެޖުގައި ޤައުމެއް ކުރިއަރައި ދިއުމަށް ބޭނުންވާ ހަރުދަނާ ޤާބިލު ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރާ ބަޔަކީ ހީވާގި މުދައްރިސުންކަމަށް ވިދާޅުވިއެވެ. އަދި މުދައްރިސުން ރެއާދުވާލު ކުރާ ބުރަ މަސައްކަތަކީ އަޅުގަނޑުމެންނަށް އަގުކުރެވޭނެ ފަދަ މަސައްކަތެއް ނޫންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފާހަގަކުރައްވާއެވެ.

"ޝައްކެއްނެތް ސްކޫލެއް ރަނގަޅު ސްކޫލަކަށް ވަނީ އެތަނުގެ އިމާރާތުގެ ހުންނަ މޮޅު ކަމަކުންނެއްނޫން. އަދި އެ ސްކޫލެއްގައިވާ ތަކެތީގެ އަގުބޮޑުކަމަކުންނެއްވެސްނޫން. ސްކޫލެއް ރަނގަޅު ސްކޫލަކަށްވަނީ އެ ސްކޫލުގައި ހީވަގިކަމާއެކު ކިޔަވައިދެއްވާ މުދައްރިސުންގެ ސަބަބުން. ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކާ މުދައްރިސުންކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެކަމަށްޓަކާ ރާއްޖޭގެ އެންމެހާ ލޮބުވެރި މުދައްރިސުންނަށް ފަށްފަށުން ޝުކުރުދަންނަވަން" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވިއެވެ.

މުދައްރިސުން ކުރާ މަސައްކަތް ފާހަގަކޮށް، ހިތްވަރުދީ މުދައްރިސުންގެ އަގު ބައިނަލްއަޤްވާމީ ފެންވަރެއްގައި ފާހަގަކުރުމަށްޓަކާ ކޮންމެ އަހަރެއްގެ އޮކްޓޯބަރުމަހުގެ 5 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ މުދައްރިސުންގެ ދުވަހުގެ ގޮތުގައެވެ.

މި ދުވަހާގުޅުވައިގެން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ދެއްވި ޚިޠާބުގައިވެސް ވަނީ ކޯވިޑް-19ގެ މިޙާލަތުގައިވެސް ޓެކްނޮލޮޖީގެ އެކި ވަޞީލަތްތައް މެދުވެރިކޮށް ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ، މުދައްރިސުންގެ ޚިދުމަތްތައް ބަލައިގަނެ، ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.