ތަޢުލީމު

މުދައްރިސުންގެ ހިތްވަރާއި ޤައުމީ ޚިދުމަތަށް އައްސަރިބަހާއި ސާބަސް!


ކޮންމެ ޤައުމެއްވެސް ތަރައްޤީވެ ކުރިއަރާ ދާނީ އުފެއްދުންތެރި ޖީލެއް ބިނާކުރެވިގެންނެވެ. ޤައުމުގެ ދުވެލި ހަލުވި ކުރުމަށް ޤައުމީ ނަވަށް ކިޔަވައިގެން ތިބި ޢިލްމީ މީހުން އަރައިގެންނެވެ. އަދި މިކަން އެންމެ އެދެވޭގޮތެއްގައި ޙާޞިލުކުރެވެން އޮތީވެސް ކިޔަވައިގެންތިބި ދަރިވަރުން ކުރިއަށް އޮތް މުސްތަޤްބަލަށްޓަކައި އުފައްދައިގެންނެވެ. އާދެ! މި ޒިންމާ އާއި ޙަވާލުވެތިބޭ ބަޔަކީ ޤައުމުގެ އަގުހުރި މުދައްރިސުންނެވެ.

މުދައްރިސުންނަކީ ދަރިވަރުންނަށްޓަކައި ވަރުބަލިކަމެއްނެތި އަބަދުވެސް މަސައްކަތްކުރުމުގައި ދެމި ތިބޭ ބައެކެވެ. ދަރިވަރުން ކޮށްފާނެ ސުވާލަކަށް ދުރާލާ ތައްޔާރުވެ، ލިބިފައިވާ ޢިލްމު ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި މިންނެތް މަސައްކަތްތަކެއް ކުރަމުންދާ ބައެކެވެ. ޒަމާނީ ތަޢުލީމާއި އެއްވަރަށް، ދިރިއުޅުމުގައި ބޭނުންވާ ރިވެތި އަޚުލާޤު ދަރިވަރުންގެ ކިބައިގައި އަށަގަންނުވައި، ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތައް ދަސްކޮށްދިނުމުގެ ބުރަ ޒިންމާ އަދާކުރާ ބަޔަކީ ލޮބުވެރި މުދައްރިސުންނެވެ. މުދައްރިސުން މަސައްކަތް ކުރަނީ ދަރިވަރުންގެ ދެވަނަ ބެލެނިވެރިންގެ ގޮތުގައެވެ.

މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގައި އެންމެ މުހިންމު މަސްއޫލިއްޔަތު އަދާކުރާ މީހުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ޕްރީ-ސްކޫލުން ފެށިގެން މަތީ ތަޢުލީމާހަމަޔަށް ކިޔަވަމުންދާ އެތައްހާސް ދަރިވަރުންނަކީ އަންނަން އޮތް ޒަމާންތަކުގައި މިޤައުމުގެ އެކިއެކި މަސްއޫލިއްޔަތުތަކާއި ޙަވާލުވާނެ ބޮޑެތިމީހުންނެނެވެ. އެއީ މާދަމާ ޤައުމު ހިންގުމާ ޙަވާލުވާންތިބި ވެރިންނެވެ. މާދަމާ މިޤައުމު އޮންނާނެގޮތް ބައްޓަންވާނީ، މިއަދުގެ ދަރިވަރުން ތަރުބިއްޔަތުކުރި ގޮތެއްގެ މައްޗަށެވެ.

ތަފާތު މިޒާޖުގެ ދަރިވަރުނަށް މުދައްރިސުން ކިޔަވައިދެމުން ދަނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. ފިލާވަޅުތައް ތައްޔާރުކުރުމާއި ފޮތްތަކާއި ޕޭޕަރު މާކު ކުރުމާއި، މިނޫންވެސް އެތައްކަމެއް ރެއާދުވާލު ކުރަމުންދާއިރު މުދައްރިސުންގެ އަގުވަޒަންކުރަންވީ އަހަރަކު އެއްފަހަރަކު ނޫނެވެ. މުދައްރިސުންގެ އަގުވަޒަންކޮށް، މުދައްރިސުންގެ މަސައްކަތްތަކަށްޓަކައި ޝުކުރުވެރިވުމަކީ ކޮންމެ ދުވަހަކުހެން ކުރުން މުހިއްމުކަމެކެވެ. އަމިއްލަ ޢާއިލާއާ ދޫކޮށްލުމަށްފަހު އެތައް ވަގުތެއްގައި ދަރިވަރުންގެ ކަންކަމުގައި ހޭދަކުރުމަކީ ވަރަށްވެސް ބޮޑު ޤުރުބާނީއެކެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަސް މުދައްރިސުންގެ ދުވަހުގެގޮތުގައި ރާއްޖޭގެ ހުރިހާސްކޫލެއްގައިވެސް ފާހަގަކުރަމުންދެއެވެ. އެސްކޫލަކަށް ފާހަގަކުރެވުނު އެންމެ ރަނގަޅަކަށެވެ. ސްކޫލްތައް އެކި ގޮތްގޮތަށް ޒީނަތްތެރިކޮށް އެކިކަހަލަ ހަރަކާތްތައް ހިންގުމަކީ ޒަމާނުއްސުރެ ސްކޫލްތަކުގައި ކުރަމުންދާކަމެކެވެ. އެހެންނަމަވެސް މިއަހަރު މި ދުވަސް އަޅުގަނޑުމެންނާއި ކުރިމަތިލާފައި މިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމާ މުޅި ދުނިޔެ ހަނގުރާމަކުރަމުންދާ ދަނޑިވަޅެއްގައެވެ. މިއަހަރުގެ ޓީޗަރުންގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިއާރަކީ "ޓީޗާރސް - ލީޑިންގ އިން ކްރައިސިސް، ރީ-އިމޭޖިނިންގ ދަ ފިއުޗަރ" ނުވަތަ "ކާރިސާގެ ޢިބަރު - މުދައްރިސުންގެ ހިތްވަރު - ކުރިމަގުގެ ތަޞައްވުރު" މި ޝިއާރެވެ.

މުދައްރިސުންގެ ދުވަހާގުޅުވައިގެން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވެފައި ވަނީ މުދައްރިސުންނަށް ޙައްޤު ޝުކުރު އަދާކުރުމަކީ ކުރެވޭނޭ ކަމެއް ނޫންކަމަށެވެ. އަދި އެއަށް ވުރެ މުދައްރިސުންގެ މަސައްކަތް މާ ބުރަކަމަށާއި، ޤުރްބާނީ މަތިވެރިކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް-19ގެ މި ޙާލަތުގައިވެސް މުދައްރިސުން ކުރަމުންދާ ބުރަ މަސައްކަތަކީ ހުރިހާގޮތަކުން ބެލިނަމަވެސް ތަޢުރީފު ހައްޤު މަަސައްކަތްތަކެކެވެ. ޝުކުރުވެރިކަމާއެކު ބަލައިގަންނަންޖެހޭ މަސައްކަތްތަކެކެވެ.

އޮންލައިންކޮށް ކިޔަވައިދިނުމާއި، ކެމެރާ ކުރިމައްޗަށް އަރާއި ފިލާވަޅުތައް ހުށަހަޅައިދިނުމަކީ މުދައްރިސުން އެހާ ފަރިތަ ކަންކަމަށް ނުވެދާނެއެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން ދަރިވަރުން ތަޢުލީމުން މަޙުރޫމްވިޔަ ނުދިނުމަށް މުދައްރިސުން ވަނީ ޢާދަޔާ ޚިލާފު ނަމޫނާއެއް ދައްކުވާފައެވެ. ޓެލެކިލާސްތަކާއި، ގޫގަލް ކްލާސްރޫމާއި، މި ނޫންވެސް އޮންލައިން ޕްލެޓްފޯމްތަކާއި، ވަރޗުއަލް ޕްލެޓްފޯމްތައް ބޭނުންކޮށްގެން މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުގެ މުދައްރިސުން ދަނީ ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްގެންދަމުންނެވެ. ހަމަ އެއްވެސް އަރާމެއް، ވަރުބަލިކަމެއް ނެތިއެވެ. ޤައުމީ ޚިދުމަތުގައެވެ. މަސައްކަތަށް ހުރި ޝަޢުގާއި ލޯބި މުދައްރިސުންގެ މި ޚިދުމަތުންވެސް އަޅުގަނޑުމެންނަށް ވަޒަންކޮށްލެވެއެވެ.

ޝައްކެއްވެސް ނެތްގޮތުގައި ޤައުމުގެ މުސްތަޤުބަލު އުޖާލާކުރުމަށް ކުރާ މަސައްކަތުގައި ލޮބުވެތި މުދައްރިސުންގެ ޙިދުމަތާއި ދައުރުވަރަށްވެސް މުހިއްމެވެ. މުދައްރިސުންނަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ހިތްތަކުގައިވެސް ޚާއްސަ ދަރަޖައަކާއި ލޯތްބެއް ދެވިފައިވާ ބައެކެވެ.