ތަރައްްޤީ

ލ. ފޮނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިމަހު ފަށާނެ - އެމް.ޓީ.ސީ.ސީ


ލ. ފޮނަދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިމަހު ފަށާނެކަމަށް އެމަސައްކަތް ކުރަމުންދާ އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށާފައިވަނީ 26 ޖޫން 2019 ގައެވެ. މި މަޝްރޫޢުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ. ފޮނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެސްފޯލްޓް މިދިޔަމަހު ވަނީ އެރަށަށް ގެންގޮސްފައެވެ.

މި މަސައްކަތް މިހާރު ކުރިއަށްގޮސްފައިވާ ހިސާބާގުޅޭގޮތުން އެމް.ޓީ.ސީ.ސީން ވިދާޅުވީ، މިހާރު ކުރިއަށްދަނީ މަގުތަކުގައި ތާރުއެޅުމުގެ ކުރިން އޭ.ބީ.ސީ ލޭޔަރ އެޅުމުގެ މަސައްކަތްކަމަށެވެ. އަދި މިމަހުގެ ތެރޭގައި އެ ރަށުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފެށިގެންދާނެކަމަށްވެސް އެކުންފުނިން ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ފޮނަދޫގެ 12 މަގެއްގައި 3.5 ކިލޯ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްޕީޑް ބްރޭކަރުލުމާއި، މަގުމަތީގައި ހަރުކުރަންޖެހޭ ނިޝާންތައް ފާހަގަކޮށް ސްޕީޑް ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިމަސައްކަތް އެއްކޮށް ނިމޭއިރު ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމާއެކު ފޮނަދޫ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށްވެސް އެމް.ޓީ.ސީ.ސީން ވަނީ ވިދާޅުވެފައެވެ. މިމަޝްރޫޢުގެ ދަށުން ފޮނަދޫގެ މަގުތަކުގައި އަޅާފައިހުރި ގާތައް ނެގުމަށްފަހު މަގު އެއްވަރު ކުރުމާއި ސަބް ގްރޭޑިންގެ މަސައްކަތް މިދިޔަ ޖުލައިމަހުގެ ތެރޭގައި އެކުންފުނިން ވަނީ ކޮށްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 25.5 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.