ޚަބަރު

ކޯވިޑް-19 : ވޭތުވެދިޔަ 4 މަސްދުވަހު 8543 މީހަކު ޕޮޒިޓިވްވި


ވޭތުވެދިޔަ 4 މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ކޯވިޑް-19 އަށް 8543 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ހަތަރު މަސްދުވަހު ކޯވިޑް-19އަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ދިވެހިންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ވޭތުވެދިޔަ 4 މަސްދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 5911 ދިވެހިންނާއި 2632 ބިދޭސީންނެވެ. ވޭތުވެދިޔަ 4 މަހުގެތެރެއިން ވަކި މަސްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައެވެ. އެމަހު ވަނީ ޖުމުލަ 4011 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 3012 ދިވެހިންނާއި 999 ބިދޭސީންނެވެ. މިއީ ކޯވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ޚާއްސަކޮށް ފުރަބަންދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިން ހިސާބުންފެށިގެން އެންމެ ގިނަ މީހުން ޕޮޒިޓިވްވި މަހެވެ.

ދެން އެންމެ ގިނައިން މީހުން ޕޮޒިޓިވްވެފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެމަހު 2487 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 1679 ދިވެހިންނާއި 808 ބިދޭސީންނެވެ. އެންމެ މަދުން މީހުން ޕޮޒިޓިވްވެފައިވަނީ ޖޫންމަހުއެވެ. އެމަހު ޖުމްލަ 633 މީހުން ޕޮޒިޓިވްވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 382 ބިދޭސީންނާއި 251 ދިވެހިންނެވެ. މިދިޔަ ޖުލައި މަހު ޕޮޒިޓިވް ވެފައިވަނީ 1412 މީހުންނެވެ. އެމަހު ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 969 ދިވެހިންނާއި 443 ބިދޭސީންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު އޯގަސްޓް މަހު އެންމެ ގިނައިން މީހުން ޕޮޒިޓިވް ވެފައިވަނީ އެމަހުގެ 2 ވަނަ ދުވަހުއެވެ. އެއީ ޖުމުލަ 215 މީހުންނެވެ. މިދުވަހު ޕޮޒިޓިވް ވި ދިވެހިންގެ އަދަދަކީ 149އެކެވެ. އަދި ބިދޭސީންގެ އަދަދަކީ 66 އެކެވެ. ސެޕްޓެމްބަރު މަހު އެންމެ ގިނައިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ އެމަހުގެ 1 ވަނަދުވަހުއެވެ. ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު 199 މީހުން ޕޮޒިޓިވްވެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 145 ދިވެހިންނާއި 54 ބިދޭސީންނެވެ.

ކޯވިޑް 19 އަށް ޖުލައި މަހުގެ އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ 152 މީހުންނާއެކު އެމަހުގެ 30 ވަނަ ދުވަހުއެވެ. އެއީ 89 ދިވެހިންނާއި 63 ބިދޭސީންނެވެ. އެންމެ މަދުން މީހުން މިބަޔަށް ޕޮޒިޓިވް ވެފައިވާ ޖޫން މަހަށް ބަލާއިރު އެ މަހު އެންމެ ގިނައިންވެސް ޕޮޒިޓިވް ވެފައިވަނީ 101 މީހުންނާއެކު ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. އެދުވަހު އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ބިދޭސީންނެވެ. އެއީ 93 ބިދޭސިންނެވެ. އަދި ދިވެހިންގެ އަދަދަކީ 8އެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުމާއެކު ހަރުކަށި ފިޔަވަޅުތަކެއް އަޅާ ވަނީ ފުރަބަންދަކަށްވެސް ގޮސްފައެވެ. އަދި އެއަށްފަހު ފުރަބަންދަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭން ފެށުމާއެކު ބަލި ޖެހޭ މީހުންގެ އަދަދު އައީ އިތުރުވަމުންނެވެ. އަދި މިހާރު އެޗްޕީއޭއިންދަނީ ކުރިން ދިން ލުއިތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއްގެނެސް ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެއާއެކު ކުރިން ބަލި ޖެހޭ މީހުންގެ އަދަދު ސަތޭކައިން މަތީގައި އުޅުނުނަމަވެސް މި ވޭތުވެދިޔަ ހަފްތާތެރޭ ބަލި ޖެހޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ވަނީ ދަށައްދާން ފަށާފައެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދުވަނީ 10ހާހުން މައްޗަށް އަރާފައެވެ. އަދި ބަލީގައި މިހާތަނަށް ރަނގަޅުވެފައިވަނީ 9187 މީހުންނެވެ.