ކޯވިޑް-19

ކޯވިޑް-19ގެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ސަމާލުވާންވީ ކަންކަމާގުޅޭ ޚާއްސަ ތަމްރީން ސެޝަނެއް ބާއްވައިފި


ކޯވިޑް-19އާއި ގުޅުންހުރި ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ނޫސްވެރިން ސަމާލުކަންދޭންވީ ކަންކަމާގުޅޭގޮތުން ޚާއްސަ ތަމްރީން ސެޝަނެއް ބާއްވައިފިއެވެ.

"ވަރޗުއަލް ޖަރނަލިސްޓް ވޯކްޝޮޕް އޮން ކޯވިޑް-19"ގެ ނަމުގައި ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ތަމްރީން ސެޝަނަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އާއި ޔުނިސެފާއި މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން ގުޅިގެން ކުރިއަށްގެންދިޔަ ސެޝަނެކެވެ.

މި ސެޝަންގައި ކޯވިޑް-19އާއި ގުޅުންހުރި ޚަބަރާއި މަޢުލޫމާތު އާއްމުންނާއި ހަމައަށް ގެނެސްދިނުމުގައި ނޫސްވެރިން ސަމާލުކަންދޭންވީ މުހިއްމު ކަންކަމާގުޅޭ މަޢުލޫމާތުވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ޞައްޙަ މަޢުލޫމާތު ގެނެސްދިނުމުގެ މުހިއްމުކަމާއި، ހަޤީޤަތާއި ޚިލާފު މަޢުލޫމާތުތައް ފެތުރުން ހުއްޓުވުމުގައި ނޫސްވެރިންގެ ޒިންމާތަކާއި ނޫސްވެރިންނަށް އަދާކުރެވިދާނެ ދައުރާއި ގުޅޭގޮތުން ވަނީ މަޢުލޫމާތު ހިއްސާކޮށްފައެވެ. އަދި ކުރިމަތިވާ ކާރިސާތަކާއި ޙާދިސާތަކުގެ ކަންކަން ކަވަރކުރުމުގައި ނޫސްވެރިން ސަމާލުކަންދޭންވީ ކަންކަމާއި، ކާރިސާތަކުން އަސަރުކުރާ ފަރާތްތަކާބެހޭ ކަންކަން ހާމަކުރުމުގައި އިންސާނީ ހައްޤުތަކާއި ކަރާމާތައް އުނިކަން ނާންނާނެހެން އެފަދަ ކަންކަން ރިޕޯޓްކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާގުޅޭގޮތުންވެސް މަޢުލޫމާތުދީފައިވެއެވެ.

މީގެ އިތުރުން ކޯވިޑް-19 އާއި ގުޅިގެން ޞިއްޙީގޮތުން އާއްމުކޮށް ބޭނުންކޮށް އުޅޭ ލަފުޒުތަކުގެ މާނަތަކާއި، ކޯވިޑް-19އާއި ގުޅިގެން ޓެކްނިކަލް ލެވެލްގައި ނޫސްވެރިންނަށް އެނގެންޖެހޭ ބައެއް މަޢުލޫމާތުތަކާއި، ނޫސްވެރިންވެސް ފީލްޑްގައި މަސައްކަތް ކުރާއިރު ކޯވިޑް-19 އިން ރައްކާތެރިވުމުގެގޮތުން އެޅިދާނެ ފިޔަވަޅުތަކާގުޅޭ މަޢުލޫމާތުތައް ހިއްސާކޮށްފައިވެއެވެ. އަދި ކޯވިޑް-19ގެ މި ޙާލަތުގައިވެސް މުޖުތަމަޢުގެ ހަމަޖެހުމާއި، އާއްމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ނޫސްވެރިންގެ ހައިސިއްޔަތުން ކުރެވިދާނެ ކަންކަމާގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ބައިވެރިންނަށް ވަނީ މަޢުލޫމާތު ދީފައެވެ.

މި ސެޝަންގައި މަޢުލޫމާތު ހިއްސާކޮށްފައިވަނީ އެޗް.ޕީ.އޭއާއި، ޑަބްލިޔު.އެޗް.އޯ އަދި ޔުނިސެފްގެ އިތުރުން ދިވެހި ރެޑް ކްރެސެންޓްގެ ކަމާބެހޭ ތަޖުރިބާކާރުންނެވެ. މި ތަމްރީން ސެޝަންގައި ރާއްޖޭގައި ހަރަކާތްތެރިވާ އޮންލައިން އަދި ބްރޯޑްކާސްޓިންގ ޕްލެޓްފޯމްތަކުގައި މަސައްކަތް ކުރާ ނޫސްވެރިން ވަނީ ބައިވެރިވެފައެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ޖަރނަލިޒަމް ދާއިރާއިން ކިޔަވާ ބައެއް ދަރިވަރުންވެސް ބައިވެރިވެފައިވެއެވެ.