ކޯވިޑް-19

ކޯވިޑް-19 : ޔޫ.އޭ.އީން ރާއްޖެއަށް 2 ސެނިޓައިޒޭޝަން ޓްރަކް ހަދިޔާކޮށްފި


ޔުނައިޓެޓް އަރަބް އެމިރޭޓްސް، ޔޫ.އޭ.އީން ދިވެހިރާއްޖެއަށް 2 ސެނިޓައިޒޭޝަން ޓްރަކް ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ޔޫ.އޭ.އީން ރާއްޖެއަށް 2 ސެނިޓައިޒޭޝަން ޓްރަކް ހަދިޔާކޮށްފައިވަނީ ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެގޮތުންކަމަށެވެ. އަދި މި ވެހިކަލްތަކުގެ ސަބަބުން އާއްމު ތަންތަން ޑިސް-އިންފެކްޓްކުރުމަށް ކުރާ މަސައްކަތްތައް ފަސޭހަވެ، މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރޭ މިންވަރު މަދު ކުރުމަށް އެހީތެރިވެދޭނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ޔޫ.އޭ.އީން ރާއްޖެއަށް ސެނިޓައިޒްކުރުމަށް ބޭނުންކުރާ 2 ޓްރަކް ހަދިޔާކުރުމާގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ޔޫ.އޭ.އީގެ ސަރުކާރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި މި ލިބުނު ތަކެއްޗާއެކު ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރެވި، ކެޕޭސިޓީ އިތުރުވެގެންދާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ހިލޭ އެހީގެ ގޮތުގައި ޔޫ.އޭ.އީން މީގެ ކުރިން ވަނީ 5 މިލިއަން ޑޮލަރު ނުވަތަ 77.3 މިލިއަން ރުފިޔާގެ ޞިއްޙީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައެވެ. ގާތްގަނޑަކަށް 72 ޓަނުގެ މި ތަކެތި ރާއްޖެއަށް ގެނެސްފައިވަނީ އެމިރޭޓްސްގެ ޚާއްސަ ފްލައިޓެއްގައި މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

މިދިޔަ މާރިޗް މަހުގެ 9 ވަނަ ދުވަހުވެސް ހިލޭ އެހީގެ ގޮތުގައި ޔޫ.އޭ.އީ އިން ރާއްޖެއަށް 771 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި މިނިސްޓަރ ޝާހިދު ވަނީ އަބޫދާބީގައި ސޮއިކުރައްވާފައެވެ. އަދި މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ ޔޫ.އޭ.އީ ގެ ފޮރިން މިނިސްޓަރ ޝައިޚް ޢަބްދުﷲ ބިން ޒައިދް އަލް ނަޙްޔާން އާއި ފޯނުން ގުޅުއްވައި، ރާއްޖޭގެ ޙާލަތާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާ ބެހޭ މައުލޫމާތު ޔޫ.އޭ.އީ ސަރުކާރަށް އެދުވަހު މިނިސްޓަރ ޝާހިދު ވަނީ އަރުވާފައެވެ.

1970 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ޔޫއޭއީ ސަރުކާރުން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ. ޚާއްސަކޮށް ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް އެޤައުމުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.