ކޯވިޑް-19

ކޯވިޑް-19 : ޖަޕާނުން ރާއްޖެއަށް 47.5 މިލިއަން ޑޮލަރުގެ ލޯނުއެހީ ދެނީ


ކޯވިޑް-19 ގެ ޙާލަތުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް އެހީވުމަށް ޖަޕާނުން ރާއްޖެއަށް 47.5 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި "ކޯވިޑް-19 ކްރައިސިސް ރެސްޕޮންސް އެމެޖެންސީ ސަޕޯޓް ލޯން"ގެ އެކްސްޗޭންޖް އޮފް ނޯޓްސްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޖަޕާން ސަރުކާރުން 5 ބިލިއަން ޖަޕަނީސް ޔެން ނުވަތަ 47.5 މިލިއަން ޑޮލަރުގެ ލޯން އެހީއެއްދީފައި ވަނީ 0.01 އިންޓަރެސްޓް ރޭޓުގައިކަމަށެވެ. އަދި މި ލޯނު އަނބުރައި ދެއްކުމަށް 15 އަހަރު ދުވަހުގެ މުއްދަތެއްދީފައި ވާކަމަށާއި، ފުރަތަމަ 4 އަހަރަކީ ގްރޭސް ޕީރިއަޑެއްގެގޮތުގައި ހަމަޖައްސާފައި ވާކަމަށެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ، މިއީ ސަރުކާރުން ރައްޔިތުންނަށް މި ޙާލަތުގައި ފޯރުކޮށްދެމުންދާ ޙިދުމަތްތައް މެދުނުކެނޑި ފޯރުވައިދިނުމަށް ލިބުނު އެހީއެއް ކަމަށެވެ. އަދި މިފަދަ އެހީތަކުން ދައްކުވައިދެނީ ދުނިޔޭގެ ޤައުމުތަކާ އެއްވެސް ތަފާތުކުރުމެއް ނެތި މި ސަރުކާރުން ބާއްވަމުންގެންދާ ގުޅުމުގެ ނަތީޖާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

"މިއަދު އަނެއްކާވެސް ފެނިގެން މިދަނީ މި ސަރުކާރުން ދުނިޔޭގެ ޤައުމުތަކާ އެއްވެސް ތަފާތުކުރުމެއް ނެތި ބާއްވަމުންގެންދާ ގުޅުމުގެ ނަތީޖާ. އަޅުގަނޑުމެންނާއި ގުޅުން ބާއްވާ، ގާތްކަމާއި އެކުވެރިކަން ބާއްވާ ހުރިހާ ޤައުމަކާއި އެކުވެރިކަމާއި ރަހުމަތްތެރިކަން އަޅުގަނޑުމެން އަބަދުވެސް ބާއްވާނަން. މިވަރުގެ ބޮޑު އެހީއެއް ޖަޕާނުން ރާއްޖެއަށް ދީފައިވަނީ ސަރުކާރަށް އޮތް އިތުބާރެއްގެ ބޮޑުކަމުން. އެކަމަށް ޖަޕާނުގެ ބޮޑުވަޒީރާއި އެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރަން" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ، ފާއިތުވި 6 މަސްދުވަހު ކޯވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކޮށްފައި ވަނީ ތަޢުރީފު ހައްޤު މަސައްކަތްތަކެއްކަމަށެވެ.

އެގޮތުން ޞިއްޙީ ޙިދުމަތްތެރިންނާއި، ކަމާބެހޭ ވުޒާރާތަކާއި، ރައްޔިތުން ދައްކަމުންދާ ނަމޫނާއާއި، އައު އާއްމު ޙާލަތަށް ތައްޔާރުވުމަށް ކުރާ މަސައްކަތް ޖަޕާން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ. މި ބަލިމަޑުކަން ދިގުލައިގެން ދިއުމާއެކު ރާއްޖޭގެ އިޤްތިޞާދަށް ހީނަރުކަން އައިސް، ތަރައްޤީ އާއި އިޖްތިމާއީ ކަންކަމަށް ހުރަސް އެޅިފައިވާކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކަންކަމުގައި ޖަޕާނުން އަބަދުވެސް އެހީވާން ތައްޔާރަށް ހުރިކަމަށެވެ.

"މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކޮށްފައިވާ އަސަރު ވަރަށްގާތުން ތަޖުރިބާކުރެވިއްޖެ. ވަކިން ޚާއްސަކޮށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަތުރުވެރިކަމުގެ ސިނާއަތަށް ކޮށްފައިވާ އަސަރު ވަރަށް ބޮޑު. އަދި ބަލިމަޑުކަން ދިގުލައިގެންދާން ފެށުމާއެކު އިޖްތިމާއީ އަދި އިޤްތިޞާދީގޮތުން ރާއްޖެއަށް ބޮޑެތި އަސަރުތަކެއް ވަނީކޮށްފައި. އެކަންކަމުން އަރައިގަތުމުގައި ޖަޕާނުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭން އޮތީ ތައްޔާރަށް" ޖަޕާން ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވިއެވެ.

ޖަޕާން ސަރުކާރުން 5 ބިލިއަން ޖަޕަނީސް ޔެން ނުވަތަ 47.5 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދޭން އެއްބަސްވެފައިވާއިރު، މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 732.4 މިލިއަން ރުފިޔާއެވެ. މިއަދު ސޮއިކުރި އެކްސްޗޭންޖް އޮފް ނޯޓްސްއަކީ ލޯނުގެ ރަސްމީ އެއްބަސްވުމުގެ ކުރިން ދެޤައުމުގެ މެދުގައި ލޯން އެއްބަސްވުމާ ގުޅޭ ގޮތުން ސޮއިކުރެވޭ ލިޔުމެވެ. މި ލޯނަކީ ޖަޕާނާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ ތާރީޚުގައި އެޤައުމުން ފޯރުކޮށްދޭ އެންމެ ބޮޑު ލޯނު އެހީކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ޖަޕާނުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށްވެސް ދާދި ފަހުން 5.6 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ޔޫއެންޑީޕީ މޯލްޑިވްސްއަށް 1.4 މިލިއަން ޑޮލަރު، ޔުނިސެފް މޯލްޑިވްސްއަށް 356،400 ޑޮލަރު އަދި މޯލްޑިވްސް ރެޑް ކްރެސެންޓްއަށް 185،000 ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދީފައެވެ.