ތިމާވެށި

އިމާރާތްކުރުުގައި ހަކަތަ އިސްރާފުކުރުން މަދުކުރުމާގުޅޭ ވޯކްޝޮޕެއް


އިމާރާތްކުރުމުގެ ދާއިރާގައި ހަކަތަ ބޭނުންކުރާ މިންވަރު ދަށްކުރުމަށް ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުއާއި ބެހޭ މަސައްކަތު ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. މި މަސައްކަތު ބައްދަލުވުމަކީ އެންވަޔަރަމަންޓް މިނިސްޓްރީއާއި އދ.ގެ ތިމާވެއްޓާބެހޭ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް ގުޅިގެން ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ، ޖީ.އީ.އެފްގެ ހިލޭ އެހީގެދަށުން ހިންގުމަށް ހަމަޖެހިފައިވާ "ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" ނުވަތަ އިމާރާތް ކުރުމުގެ ދާއިރާގައި ހަކަތަ ބޭނުންކުރާ މިންވަރު ދަށް ކުރުމަށް ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުއާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ގޮތުން ބޭއްވުނު މަސައްކަތު ބައްދަލުވުމެކެވެ. މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވާ ސްޓޭޓް މިނިސްޓަރ ޢަބްދުލް މަތީން މުޙައްމަދު ދެއްކެވި ވާހަކައިގައި، މި މަޝްރޫޢުގެ ދަށުން އިމާރާތްކުރުމުގެ ދާއިރާއިން ޖައްވަށް ބޭރުކުރެވޭ ވިހަގޭސް މަދުކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވެވިއެވެ. މަތީން ވިދާޅުވީ، އިމާރާތްކުރުމުގައިވެސް އެނަރޖީ އެފިޝިއެންސީ ނުވަތަ ހަކަތަ މަދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށާއި، އިމާރާތްކުރުމުގައި ކަރަންޓް ހަރަދު ކުޑަކުރެވޭނެ ވަސީލަތްތައް ތަރައްޤީވެފައިވާ ޤައުމުތަކުގައި މިހާރުވެސް ބޭނުންކުރަމުންދާކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އެފަދަ ވަސީލަތްތައް ރާއްޖޭގެ މާޙައުލަށްވެސް ނެރެ، އާއްމުންނަށް އެކަންކަމާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުންކަމަށާއި، ވިހާވެސް ހަރަދުކުޑަ ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކުރާ ބަޔަކަށް ހެދުންކަމަށްވެސް ސްޓޭޓް މިނިސްޓަރ މަތީން ވިދާޅުވިއެވެ.އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން އިމާރާތްކުރުމުގެ ދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި، އަދި ތިމާވެއްޓާއި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް މަސައްކަތް ކުރެވޭނެކަމަށެވެ. އަދި އެކަމާގުޅުންހުރި ސިޔާސަތުތަކާއި، މިންގަނޑުތައް ހެދުމާއި ގުޅޭގޮތުން މިއަދުގެ މަސައްކަތު ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.  މި މަސައްކަތު ބައްދަލުވުމުގައި އިމާރާތްކުރުމާއި ހަކަތައިގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.